Last Updated: April 23, 14:18
Tuesday, April 23, 2024
ޚަބަރު

އަޅުގަނޑުމެން އުފާ ފާޅުކުރަން ޖެހޭނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި: ޑރ.އިޔާޒް

އަޅުގަނޑުމެން އުފާ ފާޅުކުރަން ޖެހޭނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ އީދު ފާހަގަ ކުރުމުގެ ގޮތުން ދެ ޖިންސު މަސްހުނިވެ ފެންޖަހާ، ކުލަޖަހާ ހަދާތީވެ އެކަމަށް އިޝާރާތް ކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"އީދު ފާހަގަ ކުރުމުގެ ގޮތުން ކަމަށްބުނެ ދެޖިންސުގެ މީހުން މަސްހުނިވެގެން އެކަކު އަނެކަކު ގަޔަށް ކުލަޖަހާ، ފެންޖަހާ ހެދުންއެއީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑުމެން އުފާ ފާޅުކުރަންޖެހޭނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި. ނުރަނގަޅު ކަންތަކަށް މަގުފަހިވާ އެންމެހާ ކަންތަކުން ދުރުވާންޖެހޭ." ޑރ.އިޔާޒް ވިދާޅުވިއެވެ.

ފަހަކަށް އައިސް އީދެއް އަތުވެއްޖެނަމަ ދެ ޖިންސުގެ ޒުވާނުން ކުލަޖަހާ ފެންޖަހާ އެކުގައި ކުޅިވަރުކުޅެ އުޅުމަކީ ވަނީ އާންމު ކަމަކަށް ވެފައެވެ. އެފަދަ ވަގުތުތަކުގައި ފެންނަން އެންމެ އެކަށީގެންނުވާ ފަދަ މަންޒަރުތައް ވެސް ފެންނަކަމީ ހަގީގަތެކެވެ.