Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޑޭޓާބޭހެއް ގާއިމުކުރަނީ

ލޭ ހަދިޔާކުރުމުގެ މީހުންނާ ގުޅޭ ޑޭޓާބޭހެއް މި އަހަރު ނިމުމުގެ ކުރިން ގާއިމު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ ގޮތުން ލޭ ހަދިޔާކުރުމުގެ މި އަހަރުގެ ދުވަހާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސަސްއާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން ނެޝަނަލް އާޓް ގެލލަރީގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައެވެ.

މިިނިސްޓަރ ވިދާޅުވިގޮތުގައި ލޭ ހަދިޔާކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ލޭހަދިޔާކުރާ ފަރާތްތަކުގެ ޑޭޓާބޭސް ތަރައްޤީކޮށް ބޭނުންކުރެވޭވަރު ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ‏ދިވެހިރާއްޖޭގެ ލެއަށް ބޭނުންވެފައިވާ ފަރާތްތަކަށް ލޭ ހޯދައިދިނުމަކީ އެންމެންގެވެސް ފަރުދީ ޒިންމާއެއްކަމުގައި ދެކި، ތިމާގެ އަމިއްލަ ނަފްސުގައި ލޭ ހަދިޔާ ކުރުމުގެ އާދަ އަށަގަންނުވާ، ޤަވާއިދުން ލޭ ހަދިޔާކުރުންމަތީ ދެމިތިއްބުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ޑޭޓާބޭހެއް ގާއިމްކުރުމުން ލޭ ހަދިޔާ ކުރާ މީހުންގެ މައުލޫމާތު ރަނގަޅަށް ބަލައިލެވޭނެ އެވެ. އަދި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް އެ މީހަކު ލޭ ހަދިޔާކުރީ ކޮން ދުވަހެއްގައި ކަން ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.

މި އަހަރުގެ ލޭ ހަދިޔާ ކުރާ ދުވަހުގެ ޝިއާރު "ރައްކާތެރި ލޭ، އެންމެންނަށް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި، ހަދިޔާ ކުރުމުގެ އިތުރުން ހިލޭ ތެލަސީމިއާ ޓެސްޓު ހެދުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.