Last Updated: April 18, 17:05
Thursday, April 18, 2024
ޚަބަރު

ވިޔާނުދާ ފަނޑިޔާރުން މަތަނުވެވިއްޖެނަމަ 19ވަނަ މަޖިލިސް ފެއިލްވީ: ނިޒާރު

ވިޔާނުދާ ފަނޑިޔާރުން މަތަނުވެވިއްޖެނަމަ 19ވަނަ މަޖިލިސް ފެއިލްވީ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ވިޔާނުދާ ފަނޑިޔާރުން މަތަނުވެވިއްޖެނަމަ 19ވަނަ މަޖިލިސް ފެއިލްވީ. ޖުޑިޝަރީ އިސްލާހުކުރަން ރައްޔިތުން ބޭނުންވިކަން ރައްޔިތުން ތިޔަ މަޖިލިސްއަށް ވޯޓުދީފަވާ ގޮތުން ވަރަށް ސާފު." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ މިކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ނިޒާރު ވިދާޅުވީ އާ ޤާނޫނު އަސާސީގެ ދަށުން ޖުޑިޝަރީއަކީ ޤާނޫނީ އަސާސީ އޮޅުނުކުރެވުނު ބުޅަލެއް ކަމަށެވެ. އޮޅު ނުވާނަމަ ވައްކަން ކުރާނެ ކަމަށެވެ. ހައްލަކީ ބުޅާ ގެއިން ނެރެލުން ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.

ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީއިން ނިންމި ނިންމުމަކީ ގާނޫނާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް މަޖިލިސްގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ. އަދި ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅަން ވެސް ވަނީ ފާސްކޮށްފައެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމީ ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު ހުށަހެޅުމަކާ ގުޅިގެންނެވެ.