Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ހިއުމަން ރައިޓްސް ކޮމިޝަނުންވެސް މައްސަލަ ތަހުގީގު ކުރަނީ

ފޮޓޯ- ގޫގުލް

މާފުށީ ޖަލުގައި ގައިދީންނަށް ޖަލު އޮފިސަރުން ހާލަތާ ނުބައްދަލަށް ބާރުގެ ބޭނުންކޮށް އަނިޔާކުރި މައްސަލަ ތަހުގީގު ކުރަން ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމެއް މާފުށީ ޖަލުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

ޖަލުގައި ގައިދީންނަށް ބޮޑެތި އަނިޔާތަކެއްކޮށް ގަދަކަމުން ބޯބޭލުވި މައްސަލަ ހޫނުވެފައިވާ މިދަނޑިވަޅުގައި އެޗްއާރުސީއެމުން އެކަށީގެންވާ މަސައްކަތެއް ކުރަމުން އައިސްފައިނުވާ ކަމަށް ބުނެ ކޮމިޝަނަށް ވަނީ ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެޗްއާރްސީއެމުން ބުނެފައިވަނީ މީގެ ދެދުވަސް ކުރިން ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިތުރު ތަހުގީގެއް ކުރުމަށް އެ ކޮމިޝަނުން ޖަލުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ކޮމިޝަނުން ވަނީ މީގެ ކުރިން ވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ނަމަވެސް ތަހުގީގާ ގުޅޭ ތަފްސީލެއް ދީފައިނުވާއިރު އިތުރު ތަހުގީގެއް ކުރަން ފަށާފައިވާ ކަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ކޮމިޝަނުން ވަނީ ޖަލުގައި ހަމަލާދިން އޮފިސަރަށް އައިޖީއެމްއެޗުގައި ޒިޔާރަތްކޮށް އޭނާގެ ހާލުވެސް ބަލާފައިވާ ކަމަށް ބުނެފައެވެ.

ޖަލުގައި ހަމަނުޖެހުން އުފެދިފައިވަނީ ޖަލު އޮފިސަރަކަށް ގައިދީއަކު ހަމަލާ ދިނުމުންނެވެ. ޚަބަރު ލިބޭ ގޮތުގައި އޮފިސަރަށް ހަމަލާދިނީ އެހެން ގޮޅިއެއްގައި އޮތް އެއްޗެއް ގެނެސްދޭން ގައިދީއަކު އޮފިސަރު ގާތު އެދުމުން އެކަން ކޮށްނުދިނުމުންނެވެ. ހަމަލާގައި އޮފިސަރުގެ އަތާއި ފަޔަށް އަނިޔާ ލިބިފައިވާއިރު ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެއެވެ.

އެކަމާ ގުޅިގެން ޖަލު އޮފިސަރުން ވަނީ އިތުރު ގައިދީންތަކެއް ގޮޅިން ނެރުމަށް ފަހު ފުރަގަހަށް ބިޑި އަޅުވައި މުގުރުން ތަޅާ އަނިޔާ ކުރުމަށް ފަހު ކުރިމަތިފަރާތާއި ފުރަގަސް ފަރާތަށް ޕެޕާ ސްޕްރޭ ޖަހާފައި ކަމަށް ޚަބަރު ލިބިފައިވެއެވެ. ކަރެކްޝަނުން އެކަމާ ގުޅޭގޮތުން އެއްވެސް ތަފްސީލެއް ދީފައިނުވާއިރު މީޑިޔާއަށް ދިން މައުލޫމާތަކީ "މާބޮޑު ހަމަނުޖެހުމެއް ނުހިނގާ" ކަން އެކަނި ކަން ފާހަގަކޮށްލެވެއެވެ.

އަދި ގައިދީންގެ ބޯނުބާލާ ކަމަށް ބުނެ ކަރެކްޝަނުން ދޮގު މައުލޫމާތު ދިން ކަމަށް މިއަދު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.