Last Updated: July 1, 06:04
Wednesday, July 1, 2026
ރިޕޯޓް

ޗަމްޕާ ބޭނުންވަނީ ދެކުނު ތަރައްޤީ ކުރަން

ޗަމްޕާ ހަސަން އަފީފް. ބޭނުންވަނީ ދެކުނު ތަރައްޤީ ކުރަން. ފޮޓޯ: ހަވީރު

ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ފުންނާބު އުސް އެއްފަރާތްކަމަށްވާ ޗަމްޕާ ހުސެއިން އަފީފް ބޭނުންވަނީ ދެކުނު ހިމެނޭ ސަރަހައްދު މާލެ އާ އެއްގޮތަށް ޓޫރިޒަމް ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަފީފް ވިދާޅުވީ ދެކުނު ސަރަހައްދު ޓޫރިޒަމް ޒޯނަކަށް ތަރައްޤީ ކުރުމަކީ އެ މަނިކުފާންގެ މިހާރުގެ ވިސްނުންފުޅު ކަމަށެވެ.

އަފީފްވަނީ މިކަން ހަގީގަތަކަށް ހެދުމަށް ގަން އިންޓަނެޝަނަލް އެއާޕޯޓްގެ 30 އިން ސައްތަ ހިއްސާ އެ މަނިކުފާންގެ ހިއްސާ އޮންނަ ކާސާ ހޯލްޑިން އިން ގަނެފަ އެވެ. އަދި ގަމުގެ ވައިގެ ބަނދަރު ޒަމާނީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފަ އެވެ. އެއާޕޯޓް ތަރައްޤީ ވެގެންދާނީ ޓްރާންސިޓް ހޮޓަލަކާ އެކު ކަމަށް ވެ އެވެ.

ދެކުނު ތަރައްޤީ ކުރުމުގެ ގޮތުން އެންމެ ފަހުން އަފީފް ވަނީ އޭނާގެ 30 އިން ސައްތަ ހިއްސާ އޮންނަ އެހެން ކުންފުންޏަކުން އައްޑޫ ހެރެތެރެ ރިސޯޓް 30 މިލިއަން ޑޮލަރަށް ގަތުމަށް ހުށަހަޅާފަ އެވެ. އަދި އެހުށަހެޅުމާ ގުޅިގެން ހެރަތެރަ ހެދި އެމްޓީޑީސީން ވަނީ އެ ކުންފުންޏަށް ރިސޯޓް ވިއްކާލަން ނިންމާފަ އެވެ.

އަފީފް ވިދާޅުވީ މާލެ އަށް މިހާރު ދިމާވެގެން އުޅޭ މައްސަލައަށް ހައްލެއް ލިބެން އޮތީ ދެކުނު ޓޫރިޒަމް ޒޯނަކަށް ތަރައްޤީކޮށްގެން ކަމަށެވެ.
އެގޮތުން ގަމުގެ ވައިގެ ބަނދަރު ތަރައްޤީކޮށް ސީޕްލޭން ބޭސް އެއް ތައްޔާރުކޮށް އައްޑު އާއި ހުވަދު އަތޮޅުގައި އިތުރު ރިސޯޓްތަކެއް ތަރައްޤީ ކުރުމުން މި ހިސާބުގަނޑު އެއްކޮށް ތަރައްޤީ ކުރެވޭނެ ކެމަށެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ކާމިޔާބު އެއްްފަރާތް ކަމަށްވާ ޗަމްޕާ ހަސަން އަފީފް ވިދާޅުވީ ދެކުނުގައި ބޮޑު އާބާދީއެއް އޮވެފައި ވަޒީފާގެ ފުރުސަތު ހުޅުވިއްޖެ ނަމަ ބޮޑު ކުރިއެރުމެއް މި ސަރަހައްދަށް ލިބިގެން ދާނެ ކަމަށެވެ.

އެގޮތުން އެއްވެސް ފަރާތަކަށް ނުހިންގި އޮތް ހެރަތެރަ ވެސް ކާމިޔާބްކަމާއި އެކު ހިންގޭނޭ ކަމުގެ ޔަޤީންކަން އެބަ އޮތް ކަަމަށެވެ. ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ގެނައުމުގެ ސަބަބުން ޓުއާ އޮޕަރޭޓަރުންގެ އިތުބާރު ހޯދާފައިވާ އަފީފް ވިދާޅުވީ ހެރަތެރަ އަށް ވެސް އިތުބާރާ އެކު ފަތުރުވެރިން ފޮނުވާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ.