މި މަހުގެ 13 ވަަނ ދުވަހުގެ ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި "ގައުމައިގެން ކުރިއަށް" ކެމްޕެއިން ޖަލްސާގައި އައްޑޫން 70 ހެކްޓަރުގެ ބިން ދުބާއީގެ ގަލްފު ކޮބްލާއިން ހިއްކައި ދޭނެ އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދަށް ވިދާޅުވެވުނީ މައުލޫމާތުގެ އޮޅުމަކުން ކަމަށް އެނގިއްޖެ އެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި އެއްވެސް ގޮތަކަށް ގަލްފު ކޮބްލާ އިން އައްޑޫގެ ބިން ހިއްކުމަށް ހުށަހަޅާފައި ނުވެ އެވެ. އެކުންފުނިން ހިއްކާނީ ގަމުގެ ވައިގެ ބަނދަރު ދިގު ކުރަން ބޭނުންވާ ހިއްކާ ބިން އެކަންޏެވެ.
އެހެން ނަމަވެސް އައްޑޫގެ ހަތަރު ރަަށަކުން ބިއްކަން ހައުސިން މިނިސްޓްރީން ބީލަމަށް ހުޅުވާލާފައިވާތީ، އެ ޕްރޮޖެކްޓަށް ގަލްފް ކޮބްލާ އަށް ވެސް އޮތީ ފުރުސަތު ހުޅުވިފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ގަލްފް ކޮބްލާއިން އެކަމަށް ޝައުގުވެރިވާ ނަމަ އެ ކުންފުންޏަށް ވެސް ބިން ހިއްކަން ކުރިމަތިލުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އެ ކުންފުނީގެ ހުށަހެޅުމަކީ އެންމެ ރަނގަޅު ހުށަހެޅުން ނަމަ އެ ކުންފުންޏާ ޕްރޮޖެކްޓް ހަވާލު ކުރެވިދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހިތަދޫ، ފޭދޫ އަދި މަރަދު އާއި މަރަދޫފޭދޫން ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން ބިން ހިއްކުމަށް ހައުސިން މިނިސްޓްރީން އިއްލާން ކޮށްފައިވާ އިރު އައްޑޫގެ ބިން ހިއްކާނީ ގަލްފު ކޮބްލާއިން ކަމަށް ރައީސްއަށް ދެންނެވުނީ އޮޅުމަކުން ކަމަށް ހައުސިން މިނިސްޓަރ އަހުމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
ކެމްޕޭން ބޮޑު ޖަލްސާއެއްގައި މިފަދަ ވާހަކައެއް ރައީސް ވަހީދު ވިދާޅުވެފައި ވާ އިރު އަދި މިހާތަނަށް މިކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަށް ހައުސިން މިނިސްޓްރީން ވެސް އަދި ރައީސް ވަހީދުގެ ކެމްޕޭން ޓީމުން ވެސް އެއްވެސް ވާހަކަ ދައްކާފައެއް ނުވެ އެވެ.
"އައްޑޫ ތަރައްޤީ" ކުރަން އުޅޭތީ ބަޔަކު ކަން ބޮޑުވެގެން އުޅޭ ވާހަކަ ހައުސިން މިނިސްޓަރު ވިދާޅުވެފައިވާ އިރު ބިން ހިއްކުމާއި ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަ ފުޅާއި ގުޅިގެން ރައްޔިތުންނަށް މިހާރު ވަނީ ކަމުގެ ހަޤީގަތް އޮޅިފަ އެވެ. އަދި އެ ގޮތަށް ދެކެވޭ ވާހަކަތަކާއި މެދު ޝައްކު އުފެދޭނެ ޖާގަ ވަނީ ބޮޑުވެފަ އެވެ.