Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އައްޑޫ ޓާޝަރީ ހޮސްޕިޓަލްގެ އެމްއާރުއައި މެޝިން ގެންނަ ބޯޓު ގަމަށް ޖައްސަނީ މިރޭ ފަތިހު

އައްޑޫ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރުއައި މެޝިން އައްޑޫއަށް ގެންނަ ކާގޯ މަތިންދާ ބޯޓު ގަމަށް ޖައްސާ ގަޑި ބަދަލުވެއްޖެއެވެ.

ދުބާއީން ގަމަށް އަންނަ ކާގޯ މަތިންދާ ބޯޓު ކުރިން ގަމަށް ޖައްސަން ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:30 ހާއިރުއެވެ. ނަމަވެސް ބޯޓު މިހާރު ގަމަށް ޖައްސާނެކަމަށް ގަޑި ލިބިފާއިވަނީ މިރޭ ފަތިހު 4:30ގައެވެ.

ދިވެހި ސަރުކާރުން ޗާޓަރުކޮށްގެން ގެންނަ މި ބޯޓުން ކޮންވެންޝަން ސެންޓަރުގައި ހަދަމުންދާ 100 އެނދުގެ ހޮސްޕިޓަލަށް ބޭނުންވާ ގިނަ ސާމާނު ތަކެއް ގެންނަ ކަމަށް މައުލޫމާތު ލިބެއެވެ. މި ބޯޓަކީ ދުނިޔޭގެ އެންމެ ބޮޑެތި ކާގޯ އުފުލާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫ އިކުއެޓޯރިއަލް ކޮންވަންޝަން ސެންޓަރު ހުރި ބިނާގައި ހޮސްޕިޓަލް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު މިސަރުކާރުން ވަނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާނެކަން އިއުލާންކޮށް، ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައެވެ.

މިއަހަރު ތެރޭ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވެސް ވަނީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ޒިޔާރަތްކުރައްވާފައެވެ.