ސާކް ސަމިޓާ ދިމާކޮށް މަރަދޫގައި ސްރީ ލަންކާ އިން ބެހެއްޓި މޮނިއުމަންޓް ހުރި ސަރަހައްދުގައި ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) މިއަދު ވިދާޅުވީ އެ ޕާކް ތަރައްގީ ކުރަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ތިން ރަށެއްގެ ބޮޑު ހަދަމުން އަންނަ ލަންކާގެ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) އިން ކަމަށެވެ.
އެގޮތުން ޕާކް ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދު އައިސީސީން ސާފުކޮށްދީ، އެ ސަރަހައްދު އެއްވަރުކޮށް ދީފައިވާ ކަމަށް ޓޮމް ވިދާޅުވި އެވެ.
ޓޮމް ވިދާޅުވީ މަރަދު އާއި ހަންކެޑެ ވެސް ގުޅޭ ހިސާބުގައި ތަރައްގީ ކުރާ މި ޕާކްގެ މަސައްކަތް ނިމޭ އިރު، ކުޑަ ކުދިންނަށް މުނިފޫހި ފިލުވޭނެ ގިނަ އިންތިޒާމްތަކެއް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.
އެގޮތުން އެ ސަރަހައްދީ ލިންކް ރޯޑާ ވެސް ދިމާލުގައި އޮތް ތަނަކަށް ވާތީ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަަށެވެ.
އަދި އެ ސަރަހައްދުގައި ޕާކިން ޒޯނެއް ވެސް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޓޮމް ވިދާޅުވީ އަލަށް ތަރައްގީ ކުރެވޭ ޕާކުގައި ބޮޑެތި މީހުންނަށް ވެސް ހިތްފަސޭހަކޮށްލުމަށް އިށީނުމަށްޓަކައި ކޮންކްރިޓް ސީޓްތައް ވެސް ޕާކްގައި ބަހައްޓާނެ ކަމަށެވެ.
ޓޮމް ވިދާޅުވީ އެ ސަރަހައްދުގައި ޕާކެއް ތަރައްގީ ކުރަން ނިންމީ "މި ލޮކޭޝަކީ އައްޑޫގެ އެންމެ ހިތްގައިމު އެއް ލޮކޭޝަަނަށްވެފައި، އެތަނަކީ މިހާރު ވެސް ގިނަ އަދަދެއްގެ ބަޔަކު ޖަމާވާ ތަނެއްކަން ފާހަގަ ކުރެވޭތީ" ކަމަށެވެ.