Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު

އުރީދޫ ގުޑިމަހާސަމާ ހުކުރު ދުވަހު ހެނދުނު ސްޓޭޖު ސަރަހައްދުގައި

އުރީދޫ ކަލާ ރަން އައްޑޫގައި މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިދުވުމާއެކު އުރީދޫން އިންތިޒާމްކޮށްފައިވާ ގުޑިމަހާސަމާ މިމަހުގެ 28 ވާ ހުކުރު ދުވަހު ހެނދުނު ހިތަދޫ ސްޓޭޖު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ގުޑިމަހާސަމާ އަކީ އުރީދޫން ކުޑަކުދިންނަށް ޚާއްސަކޮށްގެން އިންތިޒާމްކޮށްފައިވާ ގުޑި އެއްލުމުގެ ހަރަކާތެކެވެ. ނަމަވެސް މި ހަރަކާތުގައި ބައިވެރިވެވޭނީ ހަމައެކަނި ކުޑަކުދިންނަށް ނޫން ކަމަށާއި، ގުޑި އެއްލުމަށް ޝައުގުވެރިކަން ހުރި ކޮންމެ ފަރާތަކަށް ވެސް ގުޑިމަހާސަމާގައި ބައިވެރިވެ ގުޑިއެއްލުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

މިހަރަކާތް އޮންނާނީ ހުކުރު ދުވަހު ހެނދުނު 8:00 އިން 10:00 އަށެވެ. ގުޑިމަހާސަމާގެ މައިގަނޑު މަގުސަދަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރުމަށް ފުރުސަތު ހުޅުވާލުމެވެ.

އެހެންކަމުން މި ގުޑިއެރުވުމުގެ ހަރަކާތުގައި ވީހާވެސް ގިނަ ބައިވެރިން ބައިވެރިވެ ބޮޑު ދުވުމުގެ ކުރިން ފޯރިގަދަ މާހައުލެއް ގާއިމްކުރުމަށް އުރީދޫން ވަނީ އެދިފައެވެ.