Last Updated: April 19, 18:08
Friday, April 19, 2024
ޚަބަރު

ޖަލަށް ފޯނު ވައްދަނީ އޮފިސަރުންނަށް ލާރި ދީގެން ކަމަށް މީކާއިލް ތުހުމަތުކޮށްފި

ޖަލުތަކަށް ފޯނާއި ފޯނު ޗާޖަރު، ބެޓެރީ ފަދަ ތަކެތި ވައްދާ ފެންނަ ކަންކަމީ އާންމު ކަމަކަށް ވެފައިވާއިރު އެކަން ކުރެވެނީ ޖަލު އޮފިސަރުންނަށް ލާރި ދީގެން، އޮފިސަރުންގެ އެހީތެރިކަމާއެކު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ތުހުމަތު ކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރެވިފައިވާ ޖަލުތަކުގައި ގައިދީންނަށް އަނިޔާކުރި މައްސަލައާ ގުޅިގެން މެމްބަރުން ބަހުސްކޮށް ވާހަކަ ދައްކަމުން ދިޔައިރު މީކައިލް ވަނީ ޖަލުގައި މިފަދަ ހަމަނުޖެހުން ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަށް ވާހަކަ ދައްކަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޖަލުގައި ހަމަނުޖެހުން އުފެދިފައިވަނީ ޖަލު އޮފިސަރެއްގެ ގާތުގައި ގައިދީއަކު، ދުންފަތް ކޮޅެއް ހޯދާ ދޭން އެދުމުން، އެކަން ނުކޮށްދިނުމުން ގައިދީ އޮފިސަރަށް ހަމަލާ ދިނުމުން ކަމަށް އެނގިފައިވެއެވެ. މީކާއިލް ވިދާޅުވީ ޖަލަކީ ދުންފަތް އެތެރެކޮށް ބޭނުންކުރެވެން ޖެހޭ ތަނެއް ނޫން ކަމަށެވެ.

ނަމަވެސް އެއީ އެތެރެ ކުރެވޭ އެއްޗެއް ކަމާއި އެއީ އެންމެނަށް ވެސް އެނގޭ ކަމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ. މީގެ އިތުރުން އިންތިޚާބަކާ ކައިރި ވެއްޖެނަމަ ޖަލަށް ފޯނު އެތެރެވެސް ކުރެވޭ ކަމަށާއި، އިންތިޚާބުގެ ދުވަސްވަރު ޖަލަށް ބައްތި ފޯނެއް ވައްދާ އަގަކީ 10،000 ރުފިޔާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި އިންތިޚާބެއް ނޯންނަ، އާދައިގެ ދުވަސްވަރެއްގައި ހަމަ އެފޯނު 7،000 ރުފިޔާއަށް ވައްދާ ކަމަށް މީކާއިލް ތުހުމަތުކޮށްފައިވެއެވެ. "ފައްސަތޭކަ ރުފިޔާގެ ރީލޯޑެއް ޖަލުގަ އިންނަ މީހަކަށް ފޮނުވުމުން ޖަލު އޮފިސަރަށް 250 ރުފިޔާ ލިބޭ ކަމީ މިތާ މިތިއްބެވި ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް ވަރަށް ސާފު ކަންކަން. މިކަން ހިނގާތާ އެތައް އަހަރެއް ވެއްޖެ،" މީކާއިލް ވިދަޅުވިއެވެ.

މިކަންކަމަކީ ކަރެކްޝަނަލް ސާވިސެސްއަށް އަދި ހޯމް މިނިސްޓްރީއަށް އެނގޭ ކަންކަން ކަމަށާއި މިކަން ހައްލު ކުރަން މާބޮޑު ރިސޯސެސްތަކެއް ޚަރަދެއް ހިނގަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލުތަކަށް ފޯނާއި ފޯނު ޗާޖަރު އަދި މަސްތުވާތަކެތި ވެސް ދޭތެރެ ދޭތެރެއިން ވައްދަން މަސައްކަތް ކުރާއިރު ކަރެކްޝަނަލް ސާވިސެސް އިން ވަނީ އެކި ފަހަރު މަތިން ގައިދީންނާ ބައްދަލުކުރަން އަންނަ ފަރާތްތަކުގެ އަތުން މިފަދަ ތަކެތި އަތުލާފައެވެ.