Last Updated: April 26, 23:59
Friday, April 26, 2024
ސިޔާސީ

ވަކިކުރި މެޖިސްޓްރޭޓުގެ ދިފާއުގައި ސަނީފް ތެދުވެއްޖެ

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު، އަންހެނަކާއި ބޭއަދަބީ ގޮތުން މުއާމަލާތް ކުރިކަމުގެ ތުހުމަތުގައި ވަކިކުރަން ޖޭއެސްސީން ނިންމުމުން، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އޭނާގެ ދިފާއުގައި ވާހަކަ ދައްކަވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަނީފް ވަނީ އިބްރާހިމް ރަޝީދު މެޖިސްޓްރޭޓު ކަމުން ވަކިކުރީ ސިޔާސީ ކުލަވަރު ޖެހި، ހެއްކެއް ވެސް ހުށައެޅުމެއް ނެތި ކަމަށް ވިދާޅުވެފައެވެ. މައްސަލަ ބަލައި ޖޭއެސްސީގެ ރިޕޯޓު މަޖިލީހަށް ހުށައަޅާފައިވާއިރު ސަނީފް ވަނީ މައްސަލަ ރައްދުވާ ފަރާތުގެ ބަޔާނެއް ނެތް ކަމަށް ވިދާޅުވެ އެކަމާ ސުވާލު އުފައްދާފައެވެ.

"އެއްވެސް މީހަކު އަނެކަކާ ދިމާލަށް ހަޑި ހުތުރު ބަހުން މުޚާތަބް ކުރާ އިރު، މައްސަލަ ރައްދުވާ ފަރާތުގެ ބަޔާން ނެތުމަކީ މައްސަލައިގެ ހައްސާސްކަން ގެއްލިގެންދާ މައްސަލައެއް،" ސަނީފް ވިދާޅުވި އެވެ.

އަދި މައްސަލަ ބަލާފައިވާއިރު ބަލަން ޖެހޭ ވަރަށް ބެލިފައިނުވާ ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެ ކަން ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ޖޭއެސްސީން މިމައްސަލަ ބަލާފައިވަނީ އަމިއްލަ މީހަކު ހުށައެޅި މައްސަލައެއްގެ ސަބަބުންނެވެ. އޭގައި މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު އޭނާ ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުރެގެން އަންހެނަކާއި ދިމާލަށް ހަޑިއެއްޗެހި ގޮވާފައިވާ ކަމަށް ވެއެވެ.

ސަނީފް ވިދާޅުވީ އެ މައްސަލައަކީ މެޖިސްޓްރޭޓުގެ މަންމައާއި ގެ ކައިރީ ބަޔަކާ ދެމެދު ހިނގި ޒުވާބެއް ކަމަށެވެ. ދެން އެތަނަށް މެޖިސްޓްރޭޓް ނިކުމެ އެއްޗެހި ކިޔާފައިވާ ކަމަށް ބުނެފައިވާއިރު އޭނާ ބޭނުންކުރި އިބާރާތް ސާފެއް ނޫން ކަމަށް ސަނީފް ވިދާޅުވިއެވެ. އަދި މިމައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ސަނީފް ވަނީ ގޮވާލާފައެވެ.

ޖަވާބުގައި ޖޭއެސްސީގައި ހިމެނޭ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖޭއެސްސީއަށް ހުށައެޅި ލިޔުންތަކުގައި ހަތަރު ހެއްކަކު ހިމަނާފައިވާ ކަމަށާއި އެ ހަތަރު މީހުންނަކީ ވެސް ހާދިސާ ހިނގިއިރު އެތަނުގައި ހާޒިރުވެތިބި މީހުންކަން ސާބިތުކޮށްދެވޭ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލަން މަޖިލީހުން ނިންމާފައިވާއިރު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، އެމްއެމްޕީއާރްސީ ޚިޔާނާތުގައި ހިމެނޭ މީހެއްގެ އަތުން ފައިސާ ނެގި މައްސަލައެއް ވެސް އަންނަނީ ބަލަމުންނެވެ.