Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ސޮފްވާން ބްރޯޑްކޮމް އިން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް އިޞްމާޢީލް ސޮފްވާން މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުމުގައި ސޮފްވާން މަގާމުން ވަކި ކުރަން ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.

އެ ހުށަހެޅުން ފާސްވީ ކޮމިޓީ އަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ސޮފްވާން މަގާމުން ވަކިކުރަން ކޮމިޓީ އަށް ހުށަހެޅުއްވީ އެއްވެސް ސަބަބެއް އެންގުމެއް ނެތި އޭނާ ކޮމިޝަނުގެ މަސައްކަތަށް ނިކުންނަވާފައި ނުވާތީއެވެ.

ބްރޯޑްކޮމްގެ މެންބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިދިޔަ ހަފްތާގައި ހާޒިރުކުރުމުން އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވަނީ ސޮފްވާން އޮފީހަށް ވަޑައިނުގަންނަވާތާ އަށް މަސް ދުވަސް ވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ސޮފްވާން މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރި ނަމަވެސް، މި މައްސަލައާ މެދު އެންމެފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.