އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަަށް ތަމްރީނު ހޯދުމުގެ ދަތުރެއްގައި އެމެރިކާ އަށް ދިޔަ 22 ފުލުހުން ތަމްރީން ދަތުރު ނިންމާލުމަށް ފަހު ރާއްޖެ އަތުވެއްޖެ އެވެ.
މިއީ ފުލުހުންގެ ގިނަ ޢަދަދެއްގެ ބަޔަކު އެމެރިކާގެ އެފްބީއައިގައި ތަމްރީނު ހޯދި ފުރަތަމަ ފަހަރެވެ. ފުލުހުންގެ މި ޓީމް އެމެރިކާ އަށް ދިޔައީ މި މަހުގެ 4 ވަނަ ދުވަހު އެވެ.
މޯލްޑިވްސް ޕޮލިސް ސަވިސްގެ ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ސީނިއަ ނަން ކޮމިޝަން އޮފިސަރުންގެ 21 ފުލުހަކާއި ކޮމިޝަންޑް އޮފިސަރަކު ބައިވެރިވި މި ތަމްރީން ދަތުރުގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަވިސްގެ ތަހުގީގު ކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބި ތަހުގީގުތަކުގެ ފެންވަރު ރަނގަޅުވެގެން ދާނެ އެވެ.
މި ދަތުރުގެ ބައިވެރިން ވަނީ އެމެރިކާގައި ގޭންގް ކުށްތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގޭންގްތަކާއި ގުޅޭ މައްސަލަތައް ކޭސްކޮށް އަމަލު ކުރަމުންދާ ގޮތްތަކުގެ އިތުރުން އެފަދަ މައްސަލަތަކުގެ ތަޙްޤީޤްތައް ކާމިޔާބު ކުރުމުގައި އެފްބީއައިގައި އަމަލު ކުރަމުންދާ ޕްރޮސީޖީތަކާއި ޢާއްމު އުޞޫލުތަކާއި ބެހޭ މަޢުލޫމާތުތައް ހޯދާފަ އެވެ.
އަދި އެމެރިކާގައި މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން ފުލުހުން ޕެޓްރޯލް ކުރަމުންދާ ގޮތާއި ބެހޭ މަޢުލޫމާތުތަކާއި އެމެރިކާއި ޕެޓްރޯލް ކުރަމުންދާ އުޞޫލުތަކާއި ބޭނުން ކުރާ ވަސީލަތްތަކާއި ބެހޭ ގޮތުން މަޢުލޫމާތުތައް ވެސް ހޯދާފަ އެވެ.
މީގެ އިތުރުން އެމެރިކާގެ އެފްބީއައިގައި ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން މީޑިއާ އަށް މަޢުލޫމާތުތައް ދިނުމުގައި ޢަމަލު ކުރަމުންދާ އުސޫލްތަކާއި މީޑިއާ ހޭންޑްލް ކުރަމުންދާ ގޮތްތަކާއި ބެހޭ ގޮތުން ވެސް މަޢުލޫމާތައް ހޯދާފައިވެ އެވެ.
އަދި އެފްބީއައި އިން ކުރިއަށް ގެންދާ ތަޙްޤީޤްތައް ކަމާ ގުޅޭ އެހެނިހެން ޑިޕާޓްމަންޓްތަކުން ގުޅިގެން އެފަދަ މައްސަލަތައް ކާމިޔާބު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގެންގުޅެމުންދާ އުސޫލްތަކާއި ބެހޭ މަޢުލޫމާތު ވެސް ހޯދާފައިވެ އެވެ.
ހަމަ މިއާ އެކު އެމެރިކާގެ ވޮޝިންޓަން އާއި ލޮސް އެންޖަލިސް އާއި ވާޖިނިއާ ޕޮލިސް ޑިވިޝަންތަކުގައި ތަމްރީނާއި ޢަމަލީ ތަޖުރިބާ ހޯދުމަށްޓަކައި މަސައްކަތްކޮށްފައިވެ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަހުގީގު ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފުލުހުން ބައިވެރިވި މި ތަމްރީން ދަތުރަކީ ތަޙުޤީޤު ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އެ ފަރާތްތަށް މަސައްކަތް ކުރަމުން ގެންދާ ދާއިރާގެ ތަމްރީނާއި ތަޖުރިބާ އިތުރަށް ހޯދުމަށް ކުރި ދަތުރެކެވެ.
އަދި މިއީ ފުލުހުން ކުރަމުން ގެންދާ ތަޙުޤީޤުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކޮމިޝަނަ އޮފް ޕޮލިސް އިސް ނަންގަވައިގެން އެފްބީއައި އާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.