މިދިޔަ ހޮނިހިރު ދުވަހު އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނު ހުޅުމީދޫން ފުރާވަޑައިގަތުމަށް ކާރުގައި ދަނިކޮށް އިމްރާން އިންނެވި ކާރާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅޭ ގޮތުން ކާރު ދުއްވަން އިން އިބްރާހިމް ޖަމާލު ދިން އިންޓަވިއުއެއް ކަމަށް ބުނެ ދިޓީވީން މި މަހުގެ 16 ވަނަ ދުވަހު ފޮނުވާފައި ވަނީ ދޮގު ޚަބަރެއް ކަމަށް ކާރު ދުއްވަން އިން ޖަމާލު ބުނެފި އެވެ.
ދިޓީވީގެ ޗީފް އެޑިޓރަށް އެޑްރެސްކޮށް ސ. މީދޫ ޖަމްނާ، ޖަމާލް ފޮނުވި ސިޓީގައި ބުނެފައި ވަނީ ދިޓީވީން ޖަމާލު ދެއްވި އިންޓަވިއު ކަމަށް ބުނެ ހަގީގަތާ ޚިލާފް ދޮގު މައުލޫމާތު ފަތުރާފައިވާތީވެ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި ކަމުގެ ހަގީގަތް ނުބަލައި ފޮނުވި އެޚަ ބަރުގެ ސަބަބުން އޭނާ އަށާއި އޭނާގެ އާއިލާ އަށް އެތައް ބައެއްގެ ނުރުހުމާއި ނަފްރަތުގެ ބަސްތައް ލިބި އެކި ފަރާތްތަކުގެ އިންޒާރު ވެސް ލިބެމުންދާ ކަމަށް ގައުމީ ވޮލީ ޓީމަށް ކުރިން ކުޅެފައިވާ ޖަމާލު ވަނީ ބުނެފަ އެވެ.
އެސްޓީއޯ ހުޅުމީދޫ ފިހާރައިގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި ޖަމާލް ބުނީ މި ހާދިސާ އާ ގުޅިގެން އެއްވެސް މީޑިއާއަކުން އޭނާ އާ ސުވާލު ކޮށްފައި ނުވާ ކަމަށާއި އަދި އެއްވެސް މީޑިއާއަކަށް އިންޓަވިއު ވެސް ދީފައި ނުވާ ކަމަށެވެ.
އެހެންކަމުން ދިޓީން ޖަމާލާ ހަވާލާދީ ފޮނުވާފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފް ދޮގު ޚަބަރެއް ކަމަށެވެ. އަދި ދިޓީވީން ޕަބްލިކްގައި މާފަށް ނޭދޭނަމަ އެކަމުގެ ސަބަބުން އޭނާއަށާއި އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓުގައި ދައުވާ ކުރާނެ ކަމަށް ޖަމާލު ވަނީ ބުނެފަ އެވެ.
އިބްރާހިމް ޖަމާލު މިއަދު ދިޓީވީއަށް ފޮނުވި ސިޓީ ވަނީ މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނަޝާއި ޖާނަލިސްޓް އެސޯސިއޭޝަނަށް އަދި ބައެއް މީޑީއާތަކަށްވެސް ފޮނުވާފައިވެއެވެ.