Last Updated: April 23, 21:11
Tuesday, April 23, 2024
ރިޕޯޓް

ލުތުފީ މައްސަލާގައި ސަރުކާރު "އަތަށް ގޮވީތަ"!؟

ލުތުފީ ---

ހ.ހާޖަރާގޭ، ޢަބްދުﷲ ލުތުފީ އޭ ބުނުމުން ލޭ ނުކެކޭ ދިވެއްސަކު މަދުވާނެއެވެ. ލުތުފީއަކީ ކާކުކަން އެނގޭ ކުޑަކުއްޖަކު ނަމަވިއަސް ލޭ ކެކޭނެއެވެ. ލުތުފީއަކީ ކުށެއް ނެތް އެތައް ދިވެހިންގެ ލޭ މި ދިވެހި ފަސްގަނޑަށް އޮހޮރުވާލުމުގައި އެންމެ ބޮޑު އެއް މޭސްތިރިއެވެ. "ބާގީ ލުތުފީ"ގެ ނަން ދިވެހި ތާރީޚުގައި ލިޔެވިގެންދާނީ "ޣައްދާރުން" ލިސްޓުގެ އެންމެ ކުރިް ޖާގަ ހޯދާނެ މީހެކެވެ.

2010 ވަނަ އަހަރު އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް އިންޑިއާއަށް ފުރުވާލުމުން އެތެރެވި ގޮތަކަށް އެތެރެވީ އަވަށްޓެރި ލަންކާއަށެވެ. 8 އަހަރު ވަންދެން ލަންކާގައި އުޅުމަށްފަހު މިއަދު އޭނާ ހުރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައެވެ. ދިވެހި ދައުލަތުގެ ބެލުމުގެ ދަށުގައެވެ.

ކޮންމެއަކަސް ލުތުފީ ލަންކާ އެމްބަސީގައި ހުރިކަން ދިވެހި ފުލުހުން ހާމަކުރީ ވަރަށް ފަހުންނެވެ. ފުލުހުން ބުނީ ލުތުފީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވުމުން އެނބުރި އައިސްފައި ނުވާ މައްސަލަ އޭގެ ދެ އަހަރު ފަހުން އޭރުގެ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީ ހެބިލިޓޭޝަން ސާވިސްގެ ފަރާތުން ފުލުހަށް ހުށަހެޅި ކަމަށެވެ. އެއީ 2012ވަނަ އަހަރުގެ މާޗު މަހުގެ 26ވަނަ ދުވަހުއެވެ. ފުލުހުން މި ބުނި ގޮތުން ވެއްޖެ ކަމަށްވާނަމަ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީ ހެބިލިޓޭޝަން ސާވިސްއިން ފުލުހުންނަށް ލުތުފީގެ މައްސަލަ ހުށަހަޅާފައި އެވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ވެރިކަމުގެ ކުރީކޮޅުއެވެ. އެއީ އޭރުގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ލުތުފީ ގެނައުމަށް ނަޝީދު ސަރުކާރުން ކުޑަވެސް މަސައްކަތެއް ނުކުރޭ!

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ލުތުފީ ރާއްޖެއިން ބޭރަށް ފޮނުވާލީ ކިތައް އަހަރަށް ކަމެއް ސާފެއްނުވިއެވެ. ތަފާތު އެކި ތާރީޚުގައި މީގެކުރިން ލުތުފީއާ ގުޅުންހުރި ލިޔުންތައް ބެލުމުންވެސް ލުތުފީ ރާއްޖެއިން ބޭރަށް ފޮނުވާލީ ކިތައް އަހަރަށް ކަމެއް ނޭނގުނެވެ. ނަމަވެސް އެންމެ ފުރަތަމަވެސް ސުވާލު އުފެދޭ ކަމަކީ، ލުތުފީ ގެނައުމަށް އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން އެއްވެސް ކަމެއް ކުރިތޯއެވެ. މި ސުވާލު އުފެދޭ ސަބަބުވެސް އެބައޮތެވެ. އެއީ ނަޝީދު އިސްތިއުފާ ދެއްވިތާ މަހެއްހާ ދުވަސް ތެރޭގައި އޭރުގެ ރައީސް ވަޙީދުގެ ސަރުކާރުން އަދި އޭރުގެ ޑީޕީއާރްއެސްއިން މަސައްކަތް ފެށިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުންވެސް ލުތުފީ ގެނައުމަށް "ކޮންމެވެސް" މަސައްކަތްތަކެއް ކުރިއެވެ. އެންމެ ކުޑަ މިނުން ބާޣީ ލުތުފީއާ ގުޅޭގޮތުން ނޫސްތަކުގެ ސުރުޙީއަށް ނަމަވެސް ހުރީ ކޮންމެވެސް އެއްޗެއް އަރުވާލައިފައެވެ. އެގޮތުން ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވިއިރު ލުތުފީއާ ގުޅޭ މަޢުލޫމާތު ސަރުކާރަަށް ޙިއްޞާ ކުރާ މީހަކަށް ފައިސާގެ އިނާމެއް ހުށަހެޅިއެވެ. އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ. އަދި އޭނާ ވަރަށް އަވަހަށް ގެންނާނެ ކަމަށް އޭރުގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދުވަނީ ވިދާޅުވެފައެވެ. ނަމަވެސް ނަޝީދުގެ ސަރުކާރުން ކުރެއްވީ ކޮން ކަމެއްތޯއެވެ. ލުތުފީއާ ގުޅޭ ގޮތުން މަޢުލޫމާތެއް ނުދިންތާ އޭނާ ބޭރަށް ފޮނުވާލީވެސް އުޞޫލުތަކާއި ޚިލާފަށެވެ. ޤައިދީއަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލާއިރު ސަލާމަތީ ބާރުތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކުން އެ ގައިދީއަކާއި އެކުގައި ދާނެއެވެ.

އަދީބު ފުރަން އުޅުމުން ކުއްލި މައްސަލައެއް، ލުތުފީ މައްސަލާގައި މަޖިލިސް ހިމޭނުން!

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ރާއްޖެއިން ބޭރަށް ފޮނުވާލަން އުޅުމުން އެއްކަލަ ނަޒާހާތްތެރި މަޖިލިސް މެންބަރުންތައް ކޮޅަށް ޖެހުނެވެ. މުޅި ދަޢުލަތް ހުސްކޮށްލައިގެން އެތައް ބަޔަކަށް ހިލޭ ދިވެހި ދަޢުލަތުގެ ޚަޒާނާއިން އެތައް މިލިއަން ރުފިޔާއެއް އަދީބު ބެހިއެވެ. ނުވިތާކަށް އެތައް އެތައް ކުށްތަކެއްގެ ތުހުމަތު އޭނާގެ މައްޗަށް ދަނީ ކުރަމުންނެވެ. ނަމަވެސް އޭނާ ފުރުމުގެ ހުއްދަ ހޯމް މިނިސްޓްރީން ދިނުމާއި ގުޅިގެން މަޖިލިސް ތެރޭގައި އެނޫން މައްސަލައެއް ނޫނީ ކުރުމެއް ނެތެވެ.

އެދުވަހުން އެދުވަަށް ކުއްލި މައްސަލަ ހުށަހަޅާ، އެކަމުގައި ހުރި ކަންބޮޑުވުންތައް މެންބަރުން މަޖިލިސް ތަޅުމަށް ބަންޑުން ކޮށްލަމުން ދިޔައިރު އެތައް ދިވެހިންނެއް ޒަޚަމްވެ، އެތައް ދިވެހިންނެއް ޝަހީދު ކޮށްލުމުގެ "ބާނީ"އަކަށް ހުރި ލުތުފީގެ މައްސަލާގައި ނަޒާޙާތްތެރިކަމާއި އޯގާތެރިކަމާއި އިންސާނިއްޔަތުކަން އޮތީ ވެއްޔާއި މޮޑެވިފައެވެ. މިކަމުގައި ޗުއްޕުވެސް ބުނާނެ މަޖިލިސް މެންބަރަކު ނެތެވެ. ސުޕަރ މެޖޯރިޓީ ރައްޔިތުން ދިނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށްބުނެ ކަރުން ލޭ ރަހަލާ ވަރަށް ހަޅޭއް ފަޅޭއް ލެވި މެންބަރުން ކޮބައިތޯއެވެ. މިއަށްވުރެ ބޮޑު ގައުމީ މައްސަލައެއް އެބައޮތްތޯއެވެ.

ސަރުކާރާއި ނަޝީދުގެ ވާހަކަތަކުން މައްސަލާގައި އޮޅުން ބޮޅުން!؟

ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ލުތުފީ ބޭސްފަރުވާއަށް ފުރިއިރު އޭރު ރާއްޖޭގެ ރައީސްކަމުގައި ހުންނެވި އަދި މިހާރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ލުތުފީ ނުވަ އަހަރު ވަންދެން ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ދިޔައީ އެ ގައުމުގައި ބޮން ގޮއްވާލުމުގެ އެެއް ދުވަސް ކުރިން ކަމަށެވެ. ލަންކާގައި ބޮން ގޮއްވާލީ 21 އޭޕްރީލްގައެވެ. ލުތުފީ އެމްބަސީއަށް ދިޔައީ 20 އޭޕްރީލްގައެވެ.

ނަމަވެސް ފުލުހުން ބުނީ ލުތުފީ އެމްބަސީއަށް ވަނީ މޭ އެއްވަނަ ދުވަހު ކަމަށެވެ. ލުތުފީ ހުރީ ހައްޔަރެއްގައެއްވެސް ނޫނެވެ. އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ހުންނަނީ ދިވެހި އެމްބަސީގައެވެ. ކެއުން ބުއިން ހަމަޖައްސަނީ ދިވެހި ދަޢުލަތުގެ ފަރާތުންނެވެ.

ނަވާރަ ދިވެހިން ގަތުލު ކޮށްލުމުގެ އިސް މޭސްތިރި އުޅެނީ އިއްޒަތުގައެވެ. ހަމަޖެހިގެންނެވެ. ދިވެހި ރައްޔިތުން އޭނާ ރާއްޖެ ގެނައުމަށް އެތައް އާދޭހެއް އަންނަނީ ކުރަމުންނެވެ. ނަމަވެސް ދެމަސް ދުވަސް ވެގެންދިޔައިރު ވެސް ފުލުހުންނަށާއި ސަރުކާރަށް ދެއްކެނީ އެއް ބަހަނާއެކެވެ. ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ނުވާ ކަމަށެވެ. ނަމަވެސް އޭނާ ފިލުވާލުމުގައި އިޖުރާޢަތްތަކެއް ފުރިހަމަ ނުކުރާއިރު ރާއްޖެ ގެނައުމަށްޓަކައި އިޖުރާއަތޭ ކިޔައިގެން ބަހަނާ ދައްކަނީ ކީއްވެގެން ހެއްޔެވެ. ސަރުކާރަށް ދިވެހި ރައްޔިތުންނަށްވުރެ ލުތުފީ މުހިއްމުވަނީ ހެއްޔެވެ. ނޫނީ މި ކަމުގައި ސަރުކާރު އަތަށްގޮވީ ހެއްޔެވެ.