Last Updated: April 26, 18:07
Friday, April 26, 2024
ސިޔާސީ

ލުތުފީއަށް ވީއައިޕީ ޚިދުމަތް ދޭކަމުގެ ތުހުމަތު

ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާގެ މޭސްތިރިއެއް ކަމަށްވާ ހ. ހާޖަރާގެ ލުތުފީ ލަންކާގައި ހުރި ދިވެހި އެމްބަސީއާ ހަވާލުވުމުން އޭނާ ވީއައިޕީ ކޮޓަރިއެއްގައި ބަހައްޓާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފިއެވެ.

ލުތުފީ ރާއްޖެ ގެނައުމުގައި ލަސްވަމުންދާތީ އިދިކޮޅު ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ދެމަސް ދުވަސް ވަންދެން ލުތުފީ އެމްބަސީގައި ގެންގުޅެފައިވަނީ ވީއައިޕީ ކޮޓަރިއެއް ގައި ކަމަށެވެ.

ސައީދު ވަނީ މިސަރުކާރުން ލުތުފީ ރާއްޖެ ގެނެސް ހުކުމް ތަންފީޒުނުކޮށް ފިލި ދުވަސްތަކަށް އަދަބު ދިނުމުގެ ގޮތުން ބާކީބައި ތަންފީޒު ކުރުވަން ޖެހޭ ކަމަށެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ބޭސް ފަރުވާއަކަށް ގެނެސްފައިވަނިކޮށް ފިލާފައެވެ.

އެއަށްފަހު ލުތުފީގެ ޚަބަރެއް ވެފައިނުވާއިރު މިދިޔަ މަހުގެ އެއްވަނަ ދުވަހު އޭނާ ވަނީ އަމިއްލައަށް ލަންކާ އެމްބަސީއަށް ވަދެ ހަވާލުވެފައެވެ. ސަރުކާރުން ބުނެފައިވަނީ ލުތުފީ ގެނައުމުގައި ދަތިތަކެއް ހުރީ ބޭރު ގައުމަކުން ކުށްވެރިޔަކު ބޭރު ކުރުމަށް ކުރަން ޖެހޭ އިދާރީ ކަންކަން ކުރުމަށް ލަސްވަމުންދާތީ ކަމަށެވެ.

ލުތުފީގެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށައެޅުއްވުމުން އެމްޑީޕީ މެމްބަރުން ވަނީ އާދަމް ޝަރީފަށް ފާޑުވިދާޅުވެފައެވެ. މެމްބަރުން ވަނީ ޑިފެންސް މިނިސްޓަރަކަށް ގިނަ ދުވަސްތަކެއް ވަންދެން މިދިޔަ ސަރުކާރުގައި އާދަމް ޝަރީފް ހުންނެވިއިރު ލުތުފީ ގެނައުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި އޮތްތޯ ސުވާލުކޮށްފައެވެ.

އިދިކޮޅު މެމްބަރުން ވަނީ ލުތުފީ ގެނައުމުގައި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށާއި ގިނަ ކަންތައްތަކެއް ސިއްރުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ހަގީގަތުގައި ލުތުފީ އެމްބަސީގައި "ފިލާ" އޮންނަތާ ދެ މަސް ދުވަސް ވެފައިވާ ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

ނޮވެމްބަރު 3، 1988 ގައި ބޭރުގެ ސިފައިންނާ ގުޅިގެން ރާއްޖެއަށް ދިން ހަމަލާގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ލުތުފީއެވެ. އޭނާގެ މައްޗަށް އޭރު ހައިކޯޓުން މަރުގެ ހުކުމްވެސް އިއްވާފައިވެއެވެ. ނަމަވެސް ރައީސް މައުމޫންގެ ވެރިކަމުގައި ލުތުފީގެ ހުކުމް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.