Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

ލުތުފީއަށް ފާރަލިން، އެކަމަކު ކޮންމެ ފަހަރަކު ފިލީ: އުމަރު

ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މަގާމުގައި ހުންނެވިއިރު ފިލައިގެން ގޮސްފައިވާ ހާޖަރާގޭ ލުތުފީއަށް އެކި ފަހަރު މަތިން ފާރަލި ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކުވެސް އޭނާ ފިލާފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހު ލުތުފީ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެފައިވާއިރު އުމަރު ވަނީ ލުތުފީ އެމްބަސީގައި ހުރިކަން އެނގުނު ދުވަހުން ފެށިގެން އޭނާ ރާއްޖެ ގެނައުމަށް ބާރު އަޅައި އަޑު އުފުލަމުންނެވެ. އުމަރު ވަނީ މިސަރުކާރުން ލުތުފީ ގެންނަން މަސައްކަތް ނުކުރާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އުމަރު މިހާރު އަޑުގަދަކުރާއިރު މަގާމުގައި ހުރިއިރު ލުތުފީ ނުހޯދުނީ ކީއްވެތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ވިދާޅުވީ، އެކި ފަހަރު މަތިން ޚާއްސަ އިސްކަމެއް ދީގެން ލުތުފީއަށް ފާރަލެވުނު ކަމަށެވެ. އެއް ފަހަރު ކުރީގެ ފޮރިން މިނިސްޓަރ ނަސީމް(ކެރަފާ) އާ އެކު ލުތުފީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި ހުރި ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އެ މައުލޫމާތު ލިބިގެން ލަންކާ ސިފައިން ލުތުފީ ހައްޔަރުކުރަން ހޮސްޕިޓަލަށް ފޮނުވި ކަމަށާއި ނަމަވެސް އަތުނުޖެހި އޭނާ ވަނީ ފިލާފައި ކަމަށް އުމަރު ބުނެފައިވެއެވެ. އަދި ލަންކާގެ އަވަށެއްގައި ލުތުފީ އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ދިވެހި ފުލުހުންގެ ސިއްރު އޮޕަރޭޝަނެއް އެއް މަސް ދުވަސް ވަންދެން އެ އަވަށުގައި ހިންގި ނަމަވެސް ލުތުފީ އަތުނުލެވުނު ކަމަށް އުމަރު ބުނެފައިވެއެވެ.

ސަރުކާރުން ލުތުފީ ގެނައުމުގައި މަކަރު ހަދަމުންދާ ކަމަށް އުމަރު ތުހުމަތު ކުރެއްވުމުން ފުލުހުން ވަނީ ކުރީ ސަރުކާރުތަކުން ލުތުފީ ގެނައުމަށް ފުރުސަތު ލިބިފައިވަނިކޮށް ފުރުސަތު ބޭކާރުކޮށްލާފައިވާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ ބަލަން ވެސް ވަނީ ފަށާފައެވެ.