Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ބާ ކައުންސިލްގެ ރައީސަކަށް ސުއޫދު ޝައުގުވެރިވެއްޖެ

އަލަށް އުފައްދަން އުޅޭ ގާނޫނީ ވަކީލުންގެ ބެލެނިވެރި އިދާރާ، ބާ ކައުންސިލްގެ ރައީސްގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި މަރުތައް ބެލުމަށް ރައީސް ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ބާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަން ނިންމާފައިވާކަން ވަނީ އިއުލާންކޮށްފައެވެ. ކުރީގެ ބަންޑާރަ ނައިބުގެ މަގާމުވެސް ފުރުއްވާފައިވާ ސުއޫދަކީ ރާއްޖޭގެ ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސުއޫދު ވަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އެކުލަވާލުމަށް ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް އަދާ ކުރައްވާފައެވެ.

ގާނޫނީ ފަންނުގެ ބިލް އެކުލަވާލާފައިވާ ގޮތުން ބާ ކައުންސިލްގައި ރައީސެއް، އަދި ނައިބު ރައީސެއްގެ އިތުރުން ބަންޑާރަ ނައިބު އަދި ހަ މެމްބަރުންނެއް ތިބޭނެއެވެ. އެ ހަ މެމްބަރުންނަކީ ވަކީލުންގެ މެދުގައި ނެގޭ ވޯޓަކުން އިންތިޚާބު ކުރެވޭ ހަ މެމްބަރުންނެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވަނީ ރައީސާއި ނައިބު ރައީސްގެ އިތުރުން ބަންޑާރަ ނައިބާއި ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވެސް ހޮވާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.