Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ހިތަދޫގައި މަޑިއަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތެއް ކަމަށްވާ "ސްޓިނގް ރޭ" އެއް އައްޑޫ ސިޓީގައި ބާނައި އެއަށް ގޯނާކުރި މައްސަލައެއް އީޕީއޭ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަން ފަށައިފިއެވެ.

އީޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި މިމައްސަލަ ބަލަން ފަށާފައިވާކަން ހާމަކޮށްފައިވާއިރު މިހާދިސާ ފެންމަތި ވެފައިވަނީ އާންމު މީހަކު ފޭސްބުކަށް ލާފައިވާ ވީޑިއޯއެއް ދައުރުވާން ފެށުމާއެކުގައެވެ.

ވީޑިއޯގައި ފެންނަނީ ހިތަދޫ ބަނދަރު ސަރަހައްދުގައި މި މަޑި ބޭނުމަށް ފަހު ތޮށިގަނޑު މައްޗަށް އަރުވާފައިވަނިކޮށް ދާވަނިއެއް ބޭނުންކޮށްގެން މަޑި މޫދަށް އެއްލާލުމަށް މަސައްކަތް ކުރާ ތަނެވެ. ބާނާފައިވާ މަޑީގެ ސައިޒުން ބޮޑުވުމާއެކު އޭނާ ވަނީ ގިނަ އިރުތަކެއް އެކަން ކުރުމުގައި ހޭދަކޮށްފައެވެ.

އަދި އެކަން ކުރުމުގެ ތެރޭގައި މަޑީގެ އެތަން މިތަނަށް ދާވަނި ހަރައި ލޭވެސް ފައިބަމުން ދިޔަތަން ވީޑިއޯ އިން ފެނެއެވެ.

އީޕީއޭ އިން ވަނީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މަޑީގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށްފައިވާ ކަން ފާހަގަކޮށްފައެވެ. އެހެންކަމުން މަޑިއެއް ބާނައި ގޯނާ ކުރުމުގެ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ.