އިންޑިއާގެ ތަމަޅަ ފިލްމް ޑައިރެކްޓަރު ޕީ. ވަސޫ ހޮލީވުޑްގެ ކުންފުންޏަކާ ގުޅިގެން އުފައްދާ "ކަރީ އިން ލަވް" ގެ ލީޑް ރޯލަށް ސޯނަމް ކަޕޫރު ހަމަޖައްސާފައިވާ ކަމަށް ބުނި ނަމަވެސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ސޯނަމް ބުންފި އެވެ.
އޭނާ ބުނީ "ކަރީ އިން ލަވް" ވެސް އަދި އެ ނޫން ވެސް ހޮލީވުޑް ޕްރޮޖެކްޓެއް އޮފާކޮށްފައި ނުވާ ކަމަށެވެ. އެކަމަކު ހިންދީ ނޫން ބަހަކުން ފިލްމެއް ކުޅެން ރަނގަޅު ފުރުސަތެއް ލިބިއްޖެ ނަމަ އޭގެ ބޭނުން ހިފާނެ ކަމަށް ޒުވާން ބަތަލާ ބުންޏެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ޗަންދުރަމުކީ" އާއި "ކުސޭލާން" ފަދަ ކާމިޔާބް ތަމަޅަ ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ ވަސޫގެ "ކަރީ އިން ލަވް" ގައި ސޯނަމް އާ އެކު ލީޑް ރޯލުން ފެނިގެން ދާނީ ތަމަޅަ އެކްޓަރު ވިޖޭ އާއި ހޮލީވުޑްގެ އެކްޓަރު ނިކް ނޯލްޓޭ އެވެ.
އެހެން ނަމަވެސް ސޯނަމް ބުނީ އެފަދަ ޕްރޮޖެކްޓަކާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ދެކެވިފައި ނުވާ ކަމަށެވެ. އެހެންވެ "ކަރީ އިން ލަވް" ގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތްކަން "ސާވަރިއާ" އިން ބޮލީވުޑަށް ނިކުތް ބަތަލާ ބުންޏެވެ.
ސޯނަމް އަށް ހޮލީވުޑްގެ ޕްރޮޖެކްޓެއް ލިބުނުކަން އޭނާ ދޮގު ކުރާ އިރު، ބައްޕަ އަނިލް ކަޕޫރަކީ ހޮލީވުޑްގެ ފިލްމްތަކުން މިހާރު ފެންނަ އެކްޓަރެކެވެ.
އޭގެ ތެރޭގައި 2009 ވަނަ އަހަރުގެ އޮސްކާ ހާސިލް ކުރި "ސްލަމްޑޮލް މިލިއަނާ" އާއި ޓޮމް ކްރޫޒުގެ "މިޝަން އިމްޕޮސިބަލް: ދަ ގޯސްޓް ރައިޑާ" ހިމެނެ އެވެ.
އެހެންވެ ކުރިއަށް އޮތް ތަނުގައި ހޮލީވުޑްގެ ފިލްމަކުން ސޯނަމް އަށް ފުރުސަތު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލް ކުރެ އެވެ.
ސޯނަމްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒް ވަނީ މި މަހުގެ 21 ގައި ރިލީޒްވާ "ރާންޖަނާ" އެވެ.
މި ފިލްމްގައި ސޯނަމް ފެނިގެން ދާނީ ރަޖްނީކާންތުގެ ދަނބިދަރި އަދި "ކޮލަވަރީޑީ" ލަވަ ކިޔައިގެން މަޝްހޫރުވި ދަނޫޝް އެވެ.