Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު 100 އެނދުގެ ހޮސްޕިޓަލް

އީސީސީ ހޮސްޕިޓަލުގެ ފުރާޅު ބަދަލު ކުރަނީ

ހިތަދޫ ކޮންވެންޝަން ސެންްޓަރުގައި ހަދާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ފުރާޅު ބަދަލު ކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއްލާންކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އީސީސީގެ ފުރާޅު ބަދަލު ކުރުމަށް ނިންމާފައިވަނީ އެތަނުގެ ފުރާޅު ބާވެ ބައެއް ތަންތަނުން މިހާރުވެސް ފެން ލީކު ކުރާތީއެވެ. އެގޮތުން މިހާރުވެސް ވާރޭ ވެހޭ ބައެއް ދުވަސް ތަކުގައި އާ ހޮސްޕިޓަލުގެ ބައެއް ތަންތަނުގައި ބާލިދީ ބަހައްޓައެވެ. މިއީ މިހާރު ބޭނުން ކުރަމުން އަންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެވެސް ހާލަތެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު އިއްލާންގައި ބުނެފައިވަނީ އީސީސީގެ ފުރާޅުގެ ޓިނު ބަދަލު ކުރުމާއި، އެޑްމިނިސްޓްރޭޓިވް އިމާރާތާއި މައި އިމާރާތުގެ ދެމެދުގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މިކަމަށް އިއްލާންކޮށް މިހާރުވަނީ ބީލަމުގައި ބައިވެރިވުމަށް ހުޅުވާލާފައެެވެ.

އީސީސީ ހޮސްޕިޓަލްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު ދާދި ފަހުން ވަނީ އެތަނަށް ބޭނުންވާ އެމްއާރުއައި މެޝިނާއި ސީޓީ ސްކޭން މެޝިން ދުބާއީން ވައިގެ މަގުން ގެނެސްފައެވެ.

އީސީސީ ހޮސްޕިޓަލުގެ ފުރާޅު ބަދަލު ކުރުމަށް ނިންމާފައިވާ އިރު ފުރާޅު މަތީގައިވަނީ ފެނަކަ ސޯލާ ވިއުގައިގެ ގިނަ އަދަދެއްގެ ސޯލާ ޕެނަލް ޖަހާފައެވެ. އެނގިފައިވާ ގޮތުގައި ފުރާޅުން ފެން ލީކު ކުރަނީ ސޯލާ ޕެނަލް ޖެހުމުގެ ތެރޭގައި ފުރާޅުގެ ބައެއް ތަންތަން ހަލާކުވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ނިންމައި އެލިއާ ކޮންސްޓްރަކްޝަން އާއި ހަވާލު ކުރީ ނޮވެމްބަރު 14، 2016ގައެވެ. 161 މިލިއަން ރުފިޔާއަށް ހަވާލު ކުރި މި މަސައްކަތް ނިންމުމަށް އެލިއާއަށް ދީފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށެވެ.

އީސީސީ ހޮސްޕިޓަލްގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު ހޮސްޕިޓަލް ހުޅުވާނެ ވަކި ތާރީހެއް މި ސަރުކާރުން އަދި ހާމަކޮށްފައި ނުވެއެވެ.