ސިންގަޕޫރުގެ ކްރެސެންޑާސް އިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ހަންކެޑެއިގެ މަސައްކަތް ފެށުމުގެ ކުރިން އެ ރަށުގެ އެތެރެއިން އޮތް ލިންކު ރޯޑު ބަދަލު ކުރަން ޖެހޭތީ މަގު ބަދަލު ކުރުމުގެ މަސައްކަތް އަންނަ މަހު ތެރޭ ފަށާނެ ކަމަށް ކްރެސެންޑާސް އިން ބުނެފި އެވެ.
ކްރެސެންޑާސް އިން ބުނީ ފުރަތަމަ މަޝްރޫއެއްގެ ގޮތުން އޮތީ މަގު ރިލޮކޭޓް ކުރުން ކަމަށެވެ. އަދި އެ މަސައްކަތް އަންނަ މަހު ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
ހަންކެޑެއިގެ އިރުމަތީ ފަރާތުގައި އޮތް ލިންކް ރޯޑް އެ ރަށުގެ ހުޅަނގު ފަރާތަށް ބަދަލު ކުރުމުގެ މަަސައްކަތުގެ ދިރާސާ ނިމިފައިވާ އިރު އެމަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫގެ ތިން ރަށެއްގެ މަގު ހަދަމުން އަންނަ ލަންކާގެ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) އިން ކަމަށް ވެ އެވެ.
ހަންކެޑެއިގެ މަގު ބަދަލު ކުރުމާ ގުޅޭ ޑިޒައިންތަކާއި ޓެކްނިކަލް އެހެން މަސައްކަތްތައް މިހާރު އެއްކޮށް ވަނީ ނިމިފައެވެ. އަދި އީއައިއޭ އެޕްރޫވަލް ވެސް ވަނީ މިހާރު ލިބިފަ އެވެ.
އައްޑޫގެ ތިން ރަށުގެ މަގު ހަދަމުން އަންނަ އައިސީސީން މަގުގެ މަސައްކަތް އަންނަ މަހު ކުރީ ކޮޅު ނިންމާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ މަސައްކަތް ނިންމުމަށް ފަހު ދެން ފަށާނީ ހަންކެޑެ މަގު ބަދަލު ކުރުމުގެ މަސައްކަތެވެ.
ކްރެސެންޑާސް އިން ހަންކެޑައިގައި ތަރައްގީ ކުރަނީ 100 ކޮޓަރީގެ ރިސޯޓެކެވެ. އަދި މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގަިއ މަސައްކަތް ނިންމައި އަންނަ އަހަރުގެ ކުރީކޮޅު އެ ރިސޯޓް ހުޅުވާނެ އެވެ.