Last Updated: April 20, 06:20
Saturday, April 20, 2024
ޚަބަރު

ޔާމީނަށް ދެން ވެރިކަމަށް ނާދެވޭނެ: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމަށް ދެން ދިވެހި ރައްޔިތުން ނުގެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ގިނަ ދުވަސްތަކެއް ފަހުން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ރޭ، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. ރޭގެ ޖަލްސާގައި ޔާމީން ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުން މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތައް އެފުށް މިފުށަށް ޖަހާލައްވާނެ ކަމަށެވެ.

ބޭރުގެ ބަޔަކަށް ރާއްޖޭގެ ހަރުމުދާ ދިނުމާ ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށާއި ބާރު ލިބޭ ދުވަހަކުން މިސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ބަދަލުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިންވެސް ސަރުކާރުން ހިނގަމުން ދިޔަ ޕްރޮޖެކްޓުތައް، ވެރިކަން ލިބިވަޑައިގަތުމުން އެފުށް މިފުށަށް ޖަހާލައި ދައުލަތުން އެތައް ބިލިއަން ރުފިޔާއެއް ދައްކަން ޖެހިވަޑައިގަތް ކަމަށާއި އަނެއްކާވެސް އެވާހަކަ ތަކުރާރުކުރައްވާފައިވާއިރު އެއީ ރައްޔިތުން ރައީސް ޔާމީން ވެރިކަމަށް ނުގެންނަވާނެ ސަބަބު ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވާނެ ކަމަށް އިއުލާން ކުރެވުމުން ވެސް ބައިވެރިވެފައިވަނީ ވަރަށް މަދު ބަޔެއް ކަން ފާހަގަކޮށްލެވެއެވެ. ރައީސް ކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސްފައިވެއެވެ. އަދި ސަރުކާރު މުވައްޒަފުންނަށް ޖަލްސާތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރުވާފައިވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ސަރުކާރާއި މަޖިލީހުން ޖުޑިޝަރީ ޖަހައިގަނެފައިވާ ކަމަށާއި ޖުޑީޝަރީގެ ބާރު ކަނޑުވާލާތަން ބަލަން ނުތިބެވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވި މިހާރުވެސް އެމަނިކުފާނާ ދެކޮޅަށް ދައުވާ ކުރެވެމުންދާއިރު ތަހުގީގު ނިމެންދެން ޖަލުގައި ބަންދުކުރަން ނިންމި ނިންމުން ވަނީ ފަހުން ބާތިލުކުރެވި ޔާމީން މިނިވަން ވެފައެވެ.