Last Updated: April 20, 13:48
Saturday, April 20, 2024
ދުނިޔެ

އެމެރިކާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓަށް މިއަދު އައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ރޭ އެމެރިކާއަށް އައި މިބާރުގަދަ ބިންހެލުމަކީ ދެދުވަސްތެރޭ އައި މިފަދަ ވަރުގަދަ ދެވަނަ ބިންހެލުމެވެ. ރޭގެ ބިންހެލުމަކީ 7.1 މެގްނިޓިއުޑް ބާރު މިނުގައި އައި ބިންހެލުމެއް ކަމަށް 'ސީއެންއެން' އިން ރިޕޯޓުކޮށްފައިވެއެވެ.

މީގެ އެއް ދުވަސް ކުރިން ވެސް ހަމަ ކެލިފޯނިއާ އަށް، 6.4 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައިވެއެވެ. ރޭގެ ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގައި ރޯވުމުގެ ހާދިސާތަކާއި މީހުންނަށް އެހެނިހެން އަނިޔާތައް ލިބުމާއި ގުޅިގެން އޮފިޝަލުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ސައިންޓިސްޓުން ބުނެފައިވަނީ ރޭގެ ބިންހެލުމަށް ފަހު 1،400 އާފްޓަޝޮކް އައިސްފައިވާ ކަމަށެވެ. އަދި މިބިންހެލުން އޭގެ ކުރީ ދުވަހަށް ވުރެ ބާރުގަދަ ވެފައި ގިނަ އިރުވަންދެން ހުރި ކަމަށް ވެސް ސައިންސްވެރިން ބުނެފައިވެއެވެ.

އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށާއި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށް ސްޓޭޓް އޮފިޝަލުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ލޮސް އެންޖެލެސްގެ މޭޔާރ އެރިކް ގާސެޓީ ބުނެފައިވެއެވެ.

އަދިވެސް ބިންހެލުންތަކެއް އެ ސަރަހައްދަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.