Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

މަރުގެ ހުކުމް ތަންފީޒުކުރުން އޮކްޓޯބަރު މަހުގެ ނިޔަލަށް ފަސްކޮށްފި

ލަންކާގައި މަރުގެ ހުކުމް އިއްވާފައިވާ ހަތަރު މީހެއްގެ ހުކުމް ތަންފީޒު ކުރުމަށް ރައީސް ސިރިސޭނާ އަންގަވާފައިވަނިކޮށް، ހުކުމް ތަންފީޒު ކުރުން އޮކްޓޯބަރު މަހުގެ ނިޔަލަށް ފަސްކުރުމަށް އެގައުމުގެ ކޯޓަކުން ވަގުތީ އަމުރެއް ނެރެފިއެވެ.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރި މިހަތަރު މީހުން މަރަން ހުކުމްކޮށްފައިވާއިރު މަރުގެ ހުކުމް ތަންފީޒުކުރުމަކީ ލަންކާގެ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ބުނެ ވަކި މައްސަލައެއް ކޯޓަށް ވަނީ ވައްދާފައެވެ.

ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެފައިވަނީ މިމައްސަލައާ މެދު ގޮތެއް ނުނިމެނީސް ހުކުމް ތަންފީޒު ނުކުރުމަށެވެ.

ބައިނަލްއަގުވާމީ ދުނިޔެއިން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ވަކާލާތުކޮށް އެކަން ނުކުރުމަށް ސިރިސޭނާއަށާއި ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް ސިރިސޭނާ ވަނީ ބޭރުގެ ފަރާތްތަކުގެ ގޮވާލުމަށް ބީރުކަންފަތެއް ދެއްވާފައެވެ.

ސިރިސޭނާ ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ނުކުރުމުގެ ސަބަބުން ޖަލު ގޮޅިތައް މީހުން މަރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ސަބަބުން ފުރެމުން އަންނަ ކަމަށެވެ. ކުށްތައް މަދުވުމުގެ ހައްލެއްގެ ގޮތުގައި ވެސް ސިރިސޭނާ ދެކިލައްވަނީ މަރުގެ ހުކުމް ލަންކާގައި އަނެއްކާވެސް ތަންފީޒު ކުރުމެވެ.

އެންމެ ފަހަކަށް ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ 1976 ވަނަ އަހަރުގައެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ސިރިސޭނާ ނިންމެވީ ވޯޓު ގަތުމުގެ މަގުސަދުގައިތޯ ސުވާލު ކޮށްފައެވެ.