Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އަނިޔާކުރި ވީޑިއޯ ނެގި ބަޔަކު ހޯދަން ފުލުހުން މަސައްކަތްކޮށްފި

ފުލުހުން އަނިޔާކުރާ ވީޑިޔޯގެ ސްކްރީން ޝޮޓެއް

ރޭ މާލޭގެ ގެއަކަށް ކޯޓު އަމުރަކާއެކު ވަން ފުލުހުން މީހަކު ހައްޔަރުކުރުމުގައި އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް އަނިޔާކުރި ވީޑިއޯއެއް އާންމުވުމުން، އެ ވީޑިއޯ ނެގި ބަޔަކު ހޯދަން އެތާ ކައިރީގައި ހުރި ގެއަކަށް ފުލުހުން ވަދެއްޖެއެވެ.

ވީޑިއޯ އާންމުވެ ފުލުސް ކޮމިޝަނަރ މުހައްމަދު ހަމީދުގެ ސަމާލުކަމަށް ގެނައުމުން ވަގުތުން ވަނީ އެކަމުގައި ޝާމިލްވި އޮފިސަރުން ސަސްޕެންޑުކޮށް ފިޔަވަޅު އަޅާނެ ކަމަށް ޓުވީޓާގައި އިއުލާންކޮށްފައެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް، އަނަސް އަބްދުއްސައްތާރު ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެފައި ކަމަށާއި އެގޭ މީހުނަށް ބިރު ދައްކާފައި ކަމަށް އަނަސް ޓުވިޓާގައި ލިޔެފައިވެއެވެ.

އަދި އެއީ ކޮން ބަޔެއްތޯ ސުވާލުކުރުމުން ބެޖު ދައްކާފައި މިއީ ފުލުހުން ކަމަށާއި ކުރިއަށް ގެންދަނީ ފުލުހުންގެ އޮޕަރޭޝަނެއް ކަމަށް ބުނެފައިވެއެވެ. ވީޑިއޯ ނެގީ އެމީހުންތޯ ސުވާލުކޮށް ފޯނުތައް ބަލަން ވެސް ފުލުހުން މަސައްކަތް ކުރި ކަމަށާއި ވީޑިއޯ ޑިލީޓު ކުރުމަށް އެންގި ކަމަށް އަނަސް ބުނެފައިވެއެވެ.

އަދި ފުލުހުން ވަނީ މަތީގައި ހުރި ގެތަކަށް ވެސް އަރާފައި ކަމަށާއި މިފަދަ ބިރު ދެއްކުމުގެ އަމަލުތަކަށް ނިމުމެއް ގެންނަން ޖެހޭ ކަމަށް އަނަސް ބުނެފައިވެއެވެ.

މިމައްސަލަ މިހާރު ފުލުހުންގެ ޕީއެސްސީ ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި އެންއައިސީ އަށް ވެސް މިމައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށް ފުރުސަތު ދޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވެއެވެ.

ވީޑިއޯ އާންމުވުމުން ވަރަށް ގިނަ ބަޔަކު ވަނީ މިއީ ޑީއީޑީ ފުލުހުންގެ ފަރާތުން އާންމު ގޮތެއްގައި ފެންނަ މަންޒަރެއް ކަމަށާއި ބާރުގެ ބޭނުން އިންތިހާއަށް އެ ފުލުހުން ކުރާ ކަމަށް ބުނެފައެވެ. ޚާއްސަކޮށް މިކަން ފާހަގަކޮށްފައިވަނީ ގާނޫނީ ވަކީލުން ކަން ފާހަގަކޮށްލެވެއެވެ.