Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ވިލަން" ގެ ބަތަލާއަކަށް ޝްރަދާ

އެކްތަ ކަޕޫރު ޕްރޮޑިއުސްކޮށް، މޯހިތު ސޫރީ ޑައިރެކްޓް ކުރާ "ވިލަން" އަށް ބަތަލާ އަކު ހޯދުމަށް އަތްފުނާ އަޅަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

އެންމެ ފަހުން ފިލްމްގެ ބަތަލާ އަކު މިހާރު ވަނީ ފައިނަލް ކުރެވިފަ އެވެ. އެއީ ޝަކްތީ ކަޕޫރުގެ ދަރިފުޅު ޝްރަދާ ކަޕޫރެވެ. "އާޝިގީ 2" އަށް ލިބުނު ބޮޑު ކާމިޔާބީ އާ ގުޅިގެން ޝްރަދާ އަށް އަންނަނީ އޮފާތައް އޮހެމުންނެވެ. އެގޮތުން އެންމަ ފަހުން "ވިލަން" ގެ ބަތަލާގެ ރޯލް ވެސް ޝްރަދާގެ އަތް މައްޗަށް ދިޔައީ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ އެ ފިލްމްގެ ލީޑް ރޯލަށް ޝްރަދާ ހަމަޖެއްސި އިރު، "ވިލަން" އަކީ "އާޝިގީ 2" ގެ ޑައިރެކްޓަރު މޯހިތު ސޫރީ ޑައިރެކްޓް ކުރާ ފިލްމެއް ކަމެވެ.

"ވިލަން" ގެ ބަތަލާއަށް ޝްރަދާ ވަރަށް ފިޓްވާ ކަމަށް އެކްތާ އާއި މޯހިތަށް ވެސް ގަބޫލް ކުރެވިގެންް އެ ފުރުސަތު ދިނުމުން، ފިލްމްގެ ސްކްރިޕްޓާ ދޭތެރޭ ހިތްހަމަޖެހޭތީ ވަގުތުން ޝްރަދާ އެ ފިލްމަށް އެއްބަސްވީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"ވިލަން" އަކީ މިހާތަނަށް ބަޓް ކޭމްޕަށް ޑައިރެކްޓް ކުރަމުން ދިޔަ މޯހިތު އެހެން ބެނާއެއްގެ ފިލްމެއް ޑައިރެކްޓް ކުރާ ފުރަތަމަ ފަހަރެވެ.

"ވިލަން" ގައި ޝްރަދާ އާ އެކު ފެނިގެން ދާނީ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި ޔެއާ" އިން ބޮލީވުޑަށް ތައާރަފްވި ސިދާތު މަލްއުތުރާ އެވެ.