Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ބްރިޖަށް ރާއްޖެއިން ދައްކަން ޖެހެނީ 100 މިލިއަން ޑޮލަރު: ޗައިނާ ސަފީރު

ސަފީރު ޖަންގް ލިޖޮންގް ފޮޓޯ: މިހާރު

ސިނަމާލެ ބްރިޖަށް ރާއްޖެއިން ދައްކަން ޖެހެނީ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ކަމަށް ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަދި މަޖްލިސްގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ލިޖޮންގް ވިދާޅުވީ ރާއްޖެއިން ބްރިޖްގެ އަގު ދައްކަން ހަމަޖެހިފައިވަނީ ފަސް އަހަރު ފަހުން ކަމަށެވެ. އަދި ބްރިޖުގެ އަގު އަދާކުރުމަށް 20 އަހަރުގެ މުއްދަތެއް ރާއްޖެއަށް ދިފައިވާ ކަމަށެވެ.

ސަފީރު ވިދާޅުވީ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ އަގަކީ 200 މިލިއަން ޑޮލަރު ކަމަށެވެ. އަދި އޭގެ 57.5 ޕަސެންޓަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ކަމަށާއި ބްރިޖުގެ އަގުގެ 36.1 ޕަސެންޓް އަދާކުރަނީ ޗައިނާގެ ބޭންކަކުން ނަގާފައިވާ ޕްރިފެރެންޝަލް ލޯނަކުން ކަމަށެވެ.

ޗައިނާ ސަފީރު މިގޮތަށް ވިދާޅުވިއިރު ނަޝީދު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ދައުލަރުގެ ބަޖެޓުގެ 15 އިން ސައްތަ އަކީ ޗައިނާ ލޯނު ދައްކަން ހަރަދު ކުރަންޖެހޭ ފައިސާ ކަމަށެވެ.

ޗައިނާއިން ވަނީ ބްރިޖުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭގައި ހައުސިން ޕްރޮޖެކްޓު ހިންގުމަށް ލޯނު އެހީދީފައެވެ.