Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އައްޑޫ އިންޖީނުގޭގެ ކެޕޭސިޓީ 28 މެގަވޯޓަށް އިތުރު ކުރަނީ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސައީދު މުހައްމަދު، ފޮޓޯ: ރާއްޖެއެމްވީ

އައްޑޫ މަރުކަޒީ އިންޖީނުގޭގެ ކެޕޭސިޓީ 28 މެގަ ވޯޓަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް އެކުންފުނިން ބާރު ސްޕީޑެއްގައި ކުރިއަށްގެންދާ ކަމަށެވެ. ސައީދު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކޮށްގެންކަމަށެވެ. އެހެންވެ އެކަމަށް ހަދަން ޖެހޭ ދިރާސާގެ މަސައްކަތް ނިމިފައިވާކަމަށް ސައިދު ވިދާޅުވިއެވެ.

"އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން، އެކަން އަޅުގަނޑުމެން ކުރާނަން، އައްޑޫއަށް ބޭނުންވާ ކަރަންޓު، މި ދެންނެވީ ކުރިއަށް އޮތް 10، 15 އަހަރަށް ބަލައި ދިރާސާ ކުރުމަށްފަހު އެކަމުގެ މަސައްކަތް މިދަނީ ކުރަމުން، އެކަމުގެ ދިރާސާ ނިމި މިހާރު ޓެންޑަރިންގެ މަސައްކަތް ދަނީ ކުރިއަށް" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ދެ މެގަވޯޓު ދެ ޖަނަރޭޓަރު ސެޓު ހޯދުމަށް މިހާރުވެސް އިއްލާންކޮށް ބިޑިން މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މި ދެ ޖަނަރޭޓަރު ސެޓު ލިބުމުން އައްޑޫގެ ކަރަންޓުގެ ދާއިމީ ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތް ކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

"މިހާރު ގަންނަން ހުޅުވާލާފައިވާ ދެ މެގަވޯޓު ދެ ޖަނަރޭޓަރު ސެޓު އައްޑޫއަށް ގެނެސް ބެހެއްޓުމުން އަޅުގަނޑުމެން އައްޑޫގެ މުޅި ކަރަންޓުގެ ނިޒާމް ހަރުދަނާ ކުރުމަށް ނިންމާފައިވާ 28 މެގަވޯޓު ކެޕޭސިޓީ ބަދަލު ކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ، އުއްމީދަކީ ކުރިއަށް އޮތް ދެ މަހެއްގެ ތެރޭ މި ދެ ޖަނަރޭޓަރު ސެޓު އައްޑޫއަށް ގެނެވޭނެ ކަމަށް"

ސައީދު ވިދާޅުވީ 28 މެގަ ވޯޓުގެ ޖަނަރޭޓަރ ސެޓުގެ އިތުރުން 11 މެގަވޯޓުގެ ސޯލާ ކަރަންޓު ބެޓެރި ބެކަޕާއި އެކު ގާއިމް ކުރުމުގެ މަސައްކަތްވެސް ފެނަކަ އިން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެެއް ހޯދުމުގެ ވާހަކަ ދައްކަމުން އަންނަ އިރު ރޭވެސް ވަނީ އިންޖީނަކަށް މައްސަލަ ދިމާވެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައެވެ. ރޭ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު ކަރަންޓު ދެވުނީ ބައިގަޑިއިރު ފަހުންނެވެ.

މި ސަރުކާރު އައި ފަހުން އައްޑޫއަށް ވަނީ 1.2 މެގަ ވޯޓުގެ ދެ ޖަނަރޭޓަރު ސެޓާއި 800 ކިލޯ ވޮޓުގެ ޖަނަރޭޓަރު ސެޓެއް ގެނެސްފައެވެ. އައްޑޫ އިންޖީނުގޭގައި މި ވަގުތު 18 އިންޖީނު ބެހެއްޓިފައިވާއިރު އެތަނުން 7 މެގަވޯޓު ކަރަންޓު ނުއުފެއްދެއެވެ. ގިނަ ޖަނަރޭޓަރުތައް ހުރީ ހަލާކުވެ މަރާމާތަށް ބޭނުންވެފައެެވެ.