Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ރިޔާޒާއި އަދުރޭގެ ކުންފުނިން ފެނަކަ އަށް ތެޔޮ ވިއްކީ ލީޓަރެއް 26 ރުފިޔާ އާއި 28 ރުފިޔާއަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަނުން، ކުރީގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި، ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުއަގުގައި ތެޔޮ ގަނެފައިވާ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ފެނަކަ ކޯޕަރޭޝަނުގެ އިސް ބޭފުޅުން މިއަދު ހާޒިރުކޮށް ކުރުމުން އެމްޑީ ސައީދު ވިދާޅުވީ މިހާރު ކުންފުނީގެ ބައެއް ލިޔެކިޔުންތައް ބަލަމުންދާ ކަމަށާއި ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ވަކި ކުންފުންޏަކުން ވަނީ ފެނަކައަށް މާ އަގުބޮޑުކޮށް ތެޔޮ ވިއްކާފައި ކަމަށެވެ.

އެ ކުންފުންޏަކީ ރައީސް ޔާމީނާ ގާތް ގުޅުމެއް އޮންނަ ކުރީގެ ދެ މެމްބަރުން ކަމަށްވާ ރިޔާޒު ރަޝީދާއި އަބްދުއްރަހީމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން 26ރ. އާއި 28ރ. އަށް ތެޔޮ ލީޓަރެއް ވިއްކާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފިއުލް ސަޕްލައި މޯލްޑިވްސްއިން 8.25ރ އާއި 8.75ރ އަށް ތެޔޮ ވިއްކި އިރު ލ. އަތޮޅު މެމްބަރަކާއި ތ އަތޮޅު މެމްބަރެއްގެ މަސްލަހަތު ހިމެނޭ ދެކުންފުނިން ފެނަކަ އަށ ތެޔޮ ވިއްކާފައިވަނީ 26 ރުފިޔާ އާއި 28 ރުފިޔާއަށް ކަމަށެވެ.

އެ މައުލޫމާތު މިހާރު ރައީސުލް ޖުމުހޫރިއްޔާ އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ ހިއްސާ ކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކުންފުންޏަށް ބޮޑު އަގުގައި ކަރަންޓު އުފެއްދުމަށް ތެޔޮ ގަތުމާއި ގުޅިގެން ކުންފުންޏަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.