Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

މިއުޅެނީ އަޅުގަނޑުގެ ސިޔާސީ ހަޔާތް ދުއްވާލަން: އާޒިމާ

އާޒިމާ ޝުކުރޫ

ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއަކީ ސިޔާސީ ހަޔާތް ދުއްވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އުފުލާފައިވާ ދައުވާއެއް ކަމަށް ކުރީގެ ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރު އަދި ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރެއްވި އާޒިމާ ޝުކޫރު ތުހުމަތު ކުރައްވައިފިއެވެ.

ޔާމީނަށް ވެސް ވެރިކަމުގައި ހުންނެވި އިރު މަނީ ލޯންޑަރ ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު އާޒިމާއާ ދެކޮޅަށް އުފުލާފައިވަނީ ޔާމީނަށް އެކަން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ދައުވާއެވެ. އާޒިމާ މިއަދު އެމައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކޮށްފައިވާއިރު އެކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޚިޔާނާތުގެ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.

އަދި މި ދައުވާގެ މައިގަނޑު މަގުސަދަކީ އާޒިމާގެ ސިޔާސީ ކެރިއަރު ހަފުސް ކޮށްލުމާއި އޭނާގެ އަބުރާއި އިއްޒަތް ނަގާލުން ކަމަށް ދައުލަތަށް ފާޑުވިދާޅުވަމުން ތުހުމަތު ކޮށްފައިވެއެވެ.

"އަޅުގަނޑަކީ ސަރުކާރުގެ ކެބިނެޓްގަ އުޅުނު މީހެއް. އަޅުގަނޑުގެ ޚިޔާނާތުގެ މައްސަލައެއް ދުވަހަކުވެސް ނޯންނާނެ. މިއަދު އަޅުގަނޑުގެ މައްޗަށް މި ދައުވާ ކުރައްވަނީ ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންއަށް އަޅުގަނޑު އެސިސްޓު ކޮށްދިނީއޭ، އެސިސްޓް ކޮށްދިން އިރުގައި އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތުން އޭސީސީއަށް ސިޓީއެއް ފޮނުވީމައޭ، އެހެންވީމާ އަޅުގަނޑު ހަމަ ގަބޫލު ކުރަމުން މިއަންނަނީ އެއަށްވުރެ މާ ބާރުގަދަ މަގާމުތަކުގައި ހުރެފަ ފައިސާގެ މައްސަލައެއް ނެތިފަ. އެހެންވީމާ މަނީ ލޯންޑަރިންއަށް އެސިސްޓު ކޮށްދީގެން ނުޖެހެއޭ އަޅުގަނޑަށް ދައުވާ އުފުލާކަށް"

އާޒިމާ ވަނީ ޚިޔާނާތުގެ މައްސަލަތަކުގައި ޝާމިލްވާ މީހުން މިނިވަން ކަމުގައި ބައިތިއްބައިގެން އޭނާ ފޮނުވި ސިޓީއެއްގެ ސަބަބުން ދައުވާ ކުރަމުންދާއިރު މިސަރުކާރުން ޒީރޯ ޓޮލަރެންސްއޭ ވިދާޅުވިޔަސް އެ ޒީރޯ ޓޮލަރެންސަކީ ކޮން ގޮތަކަށް މާނަ ކުރާ އެއްޗެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ޚިޔާނާތުގައި ޝާމިލްވާ އަދި މިނިވަން ކަމާއެކު އުޅެމުންދަނީ ކޮން ބައެއް ކަން ވިދާޅުވެފައެއް ނުވެއެވެ. އާޒިމާގެ މައްޗަށް ދައުވާ އުފުލުމުގެ ކުރިން ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މަނީ ލޯންޑަރިންގެ މައްސަލާގައި ވެސް އާޒިމާ ވަނީ މަސައްކަތް ކޮށްފައެވެ.