Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ޔޫތު ވަލްނެރަބިލިޓީ އެސަސްމެންޓް އިފްތިތާހުކޮށްފި

ރާއްޖޭގެ ޒުވާނުންގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސުން ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީއާއެކު، ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓް "ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް" މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހެނދުނު އޮތް ޙަފްލާއެއްގައި، މި ރިޕޯޓު އިފްތިތާޙު ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ވިދާޅުވީ، ގޭންގު މާރާމާރީއާއި ވަޒީފާ ނެތުމާއި މަސްތުވާތަކެތީގެ ވަބާ ފަދަ، ރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި ސިޔާސަތު ކަނޑައަޅާއިރު، މިފަދަ ދިރާސާތަކުގެ ބޭނުން، ކަމާބެހޭފަރާތްތަކުން ހިއްޕަވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ، ރާއްޖޭގެ ޒުވާނުންނަކީ އެމީހުން އިޚްތިޔާރުކުރާ ކޮންމެ ދާއިރާއަކުންވެސް، ހާސިލްކުރެވެން އޮތް އެންމެ މަތީ ފަންތިއަށް ވާސިލްވުމުގެ ޤާބިލްކަން ލިބިފައިވާ ބައެއް ކަމަށާއި މުޖްތަމަޢުގައި ހުރި މައްސަލަތަކުން އަރައިގަނެވޭނެ އަލިމަގެއް ފެންނާނެކަމުގެ އުންމީދު އޮތްކަމަށް ޒުވާނުން ޤަބޫލުކުރާކަން ދިރާސާއިން ހާމަވާތީ، އެކަމާ އުފާކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް ރިޕޯޓު އިފްތިތާޙުކުރުމަށް ބޭއްވި ޙަފްލާގައި މިނިސްޓަރ އޮފް ޑިފެންސްގެ އިތުރުން، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިގެ އިތުރުން ނޭޝަނަލް ކައުންޓަރ ޓެރަރިޜަމް ސެންޓަރުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.