Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މިއަހަރު ނިމުމުގެ ކުރިން މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހަދާނަން: ރައީސް

މިއަހަރު ނިމުމުގެ ކުރިން މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނެސް އެކުންފުންޏަކީ ފައިދާވާ ކުންފުންޏެއްކަމަށް ހައްދަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ހޮޅުވަށި" ސިލްސިލާގެ ތިން ވަނަ ބައްދަލުވުމުގައި ގދ. ތިނަދޫގައި ހުވަދޫގެ މަސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިފްކޯ މިހާރުވެސް ހިންގަމުން އަންނަނީ ބޮޑު ގެއްލުމެއްގައި ކަމަށެވެ. ނަމަވެސް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހައްދަވާނެކަމަށެވެ.

"ކެމްޕެއިން ތެރޭގައި ވައުދުވީ ފަަދައިން ފުރަތަމަ ކަމަކަށް މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ތަނެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރަމުން މި ދަނީ. އިރާދަކުރެއްވީއާ މި އަހަރު ނިމޭއިރު މިފްކޯއަކީ ގެއްލުން ނުވެ ހިނގޭ ތަނެއްގެ ގޮތުގައި ބަދަލުގެން ދާނެ އަދި އެއަށް ފަހުގައި މި ދެންނެވި ފަދައިން ރާއްޖެއަށް ބާނާ މަސް އިތުރަށް ޕްރޮސަސްކޮށް އިތުރު އަގު ހޯދޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،"

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ފައިދާ މަސްވެރިންނަށް ލިބެން އޮތީ ގަނޑުކުރި ރޯމަހުގެ ގޮތުގައި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމުގެ ބަދަލުގައި ރާއްޖޭގައި އުފައްދާ ދަޅުމަސް އިތުރުކުރުންކަމަށެވެ.

ބައެއް ތަފާސް ހިސާބު ވިދާޅުވަމުން ރައިސް ވިދާޅުވީ މިއަހަރު މިހާތަނަށް 467 މިލިއަން ރުފިޔާ މަސްގަތުމަށް ހަރަދުކޮށްފައިވާއިރު މިދިޔަ އަހަރު 813 މިލިއަން ރުފިޔާ މަސްގަތުމަށް މިފްކޯއިން ހަރަދުކޮށްފައިވާކަމަށެވެ.

ރައީސް ވިދާޅުވީ އަހަރެއްގެ މައްޗަށް ދިވެހި މަސްވެރިން 150،000 ޓަނު މަސްބާނާއިރު އޭގެ ތެރެއިން މިފްކޯއަށް ގަނެވެނީ 42،000 ޓަނުގެ މަސް ކަމަށެވެ. އަދި ބާކީ އަދަދު ގަންނަނީ އަމިއްލަ ފަރާތްތަކުން ކަމަށެވެ. މިފްކޯއިން ގަންނަ މަހުގެ ތެރެއިން ދަޅުގައި ބަންދުކުރެވެނީ 28 ޕަސެންޓާއި 30 ޕަސެންޓާއި ދެމެދުގެ އަދަދެއްކަމަށް ރައީސް ވިދާޅުވިއެވެ.

ޖަޒީރާ ހޮޅުއަށީގައި ރައީސް ސިބްރާހިމް މުހައްމަދު ސޯލިހު އަދި ފިޝަރީޒް މިނިސްޓަރ ޒަހާ، ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މަސްގަނެވޭނެ ގޮތް ހެދުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށާއި މިވަގުތު މިފްކޯއަށް ފައިދާވަނީ ހަމައެކަނި ފެލިވަރުން އެކަނިކަމަށެވެ. އައްޑޫ އާއި ކޫއްޑޫ އަދި ކަނޑުއޮށްގިރި ހިންގަނީ ގެއްލުމުގައި ކަމަށެވެ.

ރޭގެ ޖަޒީރާ ހޮޅުއަށީގައި ހުވަދޫގެ ގިނަ އަދަދެއްގެ މަސްވެރިން ވަނީ ބައިވެރިވެ އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން ހުވަދޫގައި ހަދާފައިވާ ހޮރައިޒަން ފިޝާރީޒް އާއި އައިސް ނުލިބުމުާއި ބާނާ މަހަށް ހަމަ އަގު ނުލިބޭ ކަމުގެ ޝަކުވާ ރައްޔިތުން ވަނީ ރައީސާއި ހިއްސާ ކުރައްވާފައެވެ.

ފިޝަރީޒްަ މިނިސްޓަރ ޒަހާ އާއި އެކު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ސަރުކާރުން ވަނީ މަސްވެރިންގެ ކަންބޮޑުވުމަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.