Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އުއްމީދީ ބާ ކައުންސިލަށް ރައީސްގެ ހިތްވަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްޔެ އުފަންވި ގާނޫނީ ވަކީލުންގެ ބެލެނިޔެވެރިންގެ މަސްއޫލިއްޔަތު އަދާކުރާ ބާ ކައުންސިލުން އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެ ކައުންސިލަށް ހިތްވަރު ދެއްވައިފިއެވެ.

ބާ ކައުންސިލުގެ ރައީސާއި ނައިބު ރައީސް އަދި އެކްސްކޯ ހަ މެމްބަރުން އިއްޔެ އިންތިޚާބުވެފައިވާއިރު އިންތިޚާބުވި ވަކީލުންނަށް ރައީސް ވަނީ މަރުހަބާ ކިޔުއްވާފައެވެ. ރައީސަކަށް މައުމޫން ހަމީދު އިންތިޚާބު ވެފައިވާއިރު ނައިބަކަށް އިންތިޚާބުވީ ކުރީގެ އޭޖީ އަބްދުﷲ މުއިއްޒުއެވެ. އެކްސްކޯ ހަ މެމްބަރުންނަށް އިންތިޚާބުވީ ކުރީގެ ޕީޖީ މުއިއްޒުއާއި ކުރީގެ މެމްބަރު އަނާރާގެ އިތުރުން ފަނޑިޔާރުކަން ކުރެއްވި އައިޝާ ޝުޖޫން، އެމްޑީޕީގެ އެސްޖީ އަނަސް އަބްދުއްސައްތާރު، ފައިސަލް މުހައްމަދު(ކައްޕި)، އަދި މުހައްމަދު އަސީލްއެވެ.

ރައީސް ވަނީ މި ކައުންސިލުން ރާއްޖޭގެ ގާނޫނީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ވަކީލުންގެ ސުލޫކީ މިންގަނޑުތައް ކަނޑައަޅައި ތަންފީޒު ކުރުމާއި ވަކީލުންގެ ހައްގުތައް ހިމާޔަތްކޮށް ބެލެހެއްޓުމަކީ ގާނޫނު އަސާސީ އިން މި ކައުންސިލާ ހަވާލުކޮށްފައިވާ ޒިންމާއެކެވެ.