Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

ސަލްމާންގެ ބަތަލާއަކަށް އަނުޝްކާ ޝަރްމާ

ސޫރަޖް ބަރްޖަތިއާގެ އާ ފިލްމުގައި ސަލްމާން ހާނާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ޒުވާން ބަތަލާ އަނުޝްކާ ޝަރްމާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެހެން ނަމަވެސް ސޫރަޖް ވެސް އަދި އޭނާގެ ޕްރޮޑަކްޝަން ހައުސް ރާޖްޝްރީ އިން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު ސޫރަޖްގެ ގާތް ބައެއް ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ފިލްމްގެ ބަތަލާއަކާ ގުޅޭ ގޮތުން ސޫރަޖް ބޯ ގާނަމުން އަންނަ އިރު، އޭނާގެ ސިކުނޑި ތެރޭގައި އެންމެ ބޮޑަށް އެނބުރެމުން އަންނަނީ އަނުޝްކާގެ ތަސްވީރު ކަމަށެވެ.

އެހެންވެ އޮކްޓޯބަރު މަހުގެ ތެރޭގައި މަސައްކަތް ފަށާ ފިލްްމުގެ ބަތަލާއަކީ އަނުޝްކާ އަށް ވުން ވަރަށް ގާތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިކަން މިގޮތަށް ވެއްޖެ ނަމަ މިއީ ބޮވީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާނާ އެކު އަނުޝްކާ ފިލްމެއް ކުޅޭ ފުރަތަމަ ފަހަރަށް ވާނެ އެވެ.

އަދިތިޔާ ޗޯޕްޅާގެ "ރަބް ނެ ބަނާދީ ޖޯޅީ" އިން 2008 ވަނަ އަހަރު ޝާހްރުކް ހާނާ އެކު ބޮލީވުޑަށް ތައާރަފްވި އަނުޝްކާ މިހާރު އަންނަނީ އާމިރް ހާނާ އެކު ވެސް ފިލްމެއް ކުޅެމުންނެވެ. އެއީ ރާޖް ކުމާރު ހިރާނީ ޑައިރެކްޓް ކުރާ "ޕީކޭ" އެވެ.

ސޫރަޖްގެ އާ ފިލްމަށް އަނުޝްކާ ހަމަޖެހިއްޖެ ނަމަ މިކަން ވެގެން ދާނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮލީވުޑްގެ ތިން ހާނުންނާ އެކު، މަސައްކަތް ކުރުމުގެ ޝަރަފް އަނުޝްކާ އަށް ލިބޭ ކަަމަކަށެވެ. މިއީ ވަރަށް މަދުން ނޫނީ ބަތަލާއިންނަށް ލިބޭ ފުރުސަތުތަކެއް ނޫނެވެ.

މިހާރަށް ބަލާ އިރު މި ނަސީބު ލިބިފައިވާ ހަމައެކަނި ދެ ބަތަލާއިންނަކީ ކަރީނާ ކަޕޫރާއި ކެޓްރީނާ ކެއިފް އެވެ.
ޝާހް އާއި ސަލްމާނާ އެކު ފިލްމްތަކެއް ކުޅުމަށް ފަހު، ކެޓްރީނާ ވެސް މިހާރު އަންނަނީ އާމިރް އާ އެކު ފިލްމެއް ކުޅެމުންނެވެ. އެއީ "ދޫމް 3" އެވެ.

ސޫރަޖްގެ އާ ފިލްމަކީ 1999 ވަނަ އަހަރުގެ "ހަމް ސާތުސާތު ހޭ" އަށް ފަހު، ސަލްމާން ސޫރަޖްގެ ފިލްމެއް ކުޅޭ ފުރަތަމަ ފަހަރު ވެސް މެ އެވެ.
އެހެންވެ 14 އަހަރުގެ މެދުކެނޑުމަކަށް ކާމިޔާބް ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ މި ފަންނާނުންގެ ފިލްމަކަށް ބެލުންތެރިން އަންނަނީ ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ.