Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ސުވާލުތަކަށް ޖަވާބު ދޭންޖެހުމުން ހަޔަރ އެޑިއުކޭޝަންގެ ލައިންތައް ބިޒީ!

ކޮންމެ ޤައުމެއްގެވެސް ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ވަރަށް ބޮޑުބައެއް ބިނާވެފައި އޮންނަނީ އެޤައުމެއްގެ ޒުވާން ޖީލު ތަރައްޤީކޮށް، ތަމްރީނު ކުރުމުގެ މައްޗަށެވެ. ސަބަބަކީ އެ ޒުވާނުންނަކީ މާދަމާ އެ ޤައުމު ވެއްޓޭ އަނދަވަޅަކުން ނަގައި ކޮޅަށް ޖަހާ، ނުވަތަ ލިބޭ ކުރިއެރުމުގެ މައްޗަށް ބިނާކޮށް ކުރިއެރުން އިތުރަށް ފުޅާކުރުމުގެ ޤާބިލުކަން ލިބިގެންވާ ބަޔަކަށް ހެދުމަށެވެ.

މިސަރުކާރުން ރިޔާސީ އިންތިޚާބުގައި ވާދަކުރަމުން ދިޔައިރު ކެމްޕޭންގެ ތެރޭގައި އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީވެސް ޒުވާނުން ބިނާކުރުމާއި ތަމްރީނު ކުރުމުގެ މުހިންމު ކަމުގެ ވާހަކައެވެ. އަދި އެކަން ޔަޤީން ކުރުމަށްޓަކައި މި ސަރުކާރުން ކިޔެވުމަށްޓަކައި ދަރިވަރުންނަށްދޭ ލޯނު ތަކުގެ އިންޓްރެސްޓް ނުވަތަ "ފީ" %5 އިން %3 އަށް ކުޑަ ކޮށްދޭނެ ވާހަކައެވެ. މަދުރަސީ ޙަޔާތް ނިމި، އިތުރު ތަޢުލީމާއި ތަމްރީނު ނުލިބުމުގެ ސަބަބުން މަސައްކަތް ނުލިބި ތިބި އެތައް ބަޔަކަށް މިކަން ވެގެން ދިޔައީ ވަރަށް އުފާވެރި ޚަބަރަކަށެވެ. އަދި މިސަރުކާރުގެ މަޤުބޫލުކަން އިތުރުވެ، ސަރުކާރަށް އޮތް ތާއީދު އިތުރުވެގެންދިޔަ ކަމަކަށެވެ. ނަމަވެސް ގިނަ ބަޔަކަށް އޭރު ނުވިސްނުނު ކަމަކީ މިއީ ސަރުކާރުން ދަރިވަރުންގެ ލޮލުގައި އަޅުވާލި އަނދުންކޮޅެއްކަމެވެ.

މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވެ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނެއް އުފައްދައި މިއަހަރުގެ މާރޗު މަހު ދަރިވަރުން ގެ ފުރަތަމަ ލޯނު ސްކީމަށް ޢާންމުކޮށް ހުޅުވާލެވުނެވެ. މި ސްކީމަށް އެދި 900 އަށްވުރެ ގިނަ ދަރިވަރުން ހުށައެޅިއިރު ލޯނު ހަމަޖެހުނީ އެންމެ 79 ދަރިވަރަކަށެވެ. މިނިސްޓަރގެ ޖަވާބަކަށްވީ ބާކީ އެންމެންގެ އެޕްލިކޭޝަންތަކުގައި މައްސަލަ ހުރުމުން ޑިސްކޮލިފައިވީކަމަށެވެ. ނަމަވެސް މިނިސްޓަރގެ މި ޖަވާބު ދަރިވަރުންނަކަށް ބަލައިނުގަނެވުނެވެ. ސަބަބަކަށްވީ އޮންލައިންކޮށް ލޯނަށް އެދުމަށް ކަނޑައެޅިފައިވާ ޕޯރޓަލްގައި ގިނަ މައްސަލަތަކެއް ހުރުމާއި، ސެޓްފިކެޓްތަކުގެ ދެފުށް ހުށައަޅަން ޖެހޭކަން އެންގުނމާއި، އެއް ކެޓަގަރީއަކުން ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން 46.15 ޕޮއިންޓް ލިބުނު ދަރިވަރަކަށް ލޯނު ހަމަޖެހިފައި 97.25 ޕޮއިންޓް ލިބުނު ދަރިވަރަކަށް ލޯނު ހަމަ ނުޖެހުން ފަދަ ކަންކަން މިނިސްޓްރީއިން ޝާއިރުކުރި ލިސްޓުން ފެންނަން ހުރުމެވެ. ސަބަބެއްގެ ގޮތުގައި އޮތީ "ކޮލިފައިވި ނަމަވެސް ޖާގައަށް ނުހޮވޭ"ކަމަށެވެ. ނަމަވެސް މިނިސްޓްރީ އިން މިކަންކަން ބަލައި، އިސްލާހު ކުރުމުގެ ބަދަލުގައި ނިންމީ ހަމައެކަނި ބާކީ ހުރި ޖާގަތަކަށް އަލުން ހުޅުވާލެވުމަށެވެ.

މިކަމާހުރެ މީސްމީޑިއާގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި ސަރުކާރާއި ދިމާލަށް ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ. ގިނަ ބަޔަކު ބުނަމުން ދިޔައީ ދޭން ބޭނުންވި ބަޔަކަށް ލޯނު ހަމަޖައްސައިދީފައި ބާކީ ހުރި ލޯނުތަކަށް އަލުން ހުޅުވާލީކަމަށެވެ. މިނިސްޓްރީއަށް ފާޑުކީ ފަރާތްތަކުގެ ތެރޭގައި ދަރިވަރުންނާއި، އާންމުނގެ އިތުރުން ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

ދަރިވަރުން އާދޭސް ކުރަމުން ދިޔައީ އިންސާފުވެރިގޮތެއްގައި ލޯނުގެ ހުރިހާ ޖާގަތަކަށް އަލުން ހުޅުވާލުމަށެވެ. އެހެންނަމަވެސް އެ އާދޭސްތައް އަޑު އަހައި، ފުރިހަމަ ހައްލެއް ހޯދައި ދިނުމަށް މަސައްކަތްކުރި މިނިސްޓަރަކުވެސް، ސަރުކާރުގެ އޮފިޝަލަކުވެސް ނުވިއެވެ. ދަރިވަރުންނަށް މިކަމުގައި އިންސާފު ހޯދައިދޭނެ ފަރާތެއްވެސް ނުވިއެވެ. މިއީ މި ދަރިވަރުން ވޯޓު ދިން "ޒީރޯ ޓޮލެރެންސް" ބާއެވެ؟

މިނިސްޓްރީއިން އިއުލާނު ކުރިގޮތަށް ބާކީ ހުރި 163 ޖާގައަށް ޖޫން މަހު ހުޅުވާލެވުނެވެ. މިފަހަރުވެސް ލޯނަށް އެދި ހުށައެޅި ދަރިވަރުންގެ އަދަދު 900 އަށް ވުރެ ގިނައެވެ. މިނިސްޓްރީއިން ބުނި ތާރީޚަށް ވުރެ ލަހުން ނަމަވެސް ނަތީޖާ އިއުލާނު ކުރެވުނު އިރު ހުރިހާ ޖާގަތަށް ދަރިވަރުންނަށް ހުރީ ހަވާލުކުރެވިފައެވެ. އެހެންނަމަވެސް މިފަހަރުވެސް ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ.

މީސް މީޑިއާގައި ދަރިވަރަކު ހިއްސާކުރި ފޮޓޯއަކުން އެނގޭ ގޮތުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލި ކެޓެގަރީއަށް ކިޔެވުމާއި ލޯނަށް ފައިސާގެ އެހީ ބޭނުންވާ ބައިން ޖުމްލަ 80.31 ޕޮއިންޓް ލިބުނު ދަރިވަރަކަށް ލޯނު ނުލިބުނު އިރު ހަމަ އެކެޓަގަރީއިން 58.27 ޕޮއިންޓް ލިބުނު ދަރިވަރަކަށް ވަނީ ލޯނު ހަމަޖެހިފައެވެ. މިނިސްޓްރީގެ ޓްވިޓާ އެކައުންޓުން މިކަމާ ގުޅިގެންކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލޯނު ދޭ ކެޓަގަރީގައި އިސްކަން ދެނީ ކިޔަވަނ ބާކީ އޮތް މުއްދަތު ކުރު ކުދިންނަށް ކަމަށެވެ. އެހެން ކަމުން ދަރިވަރުންގެ ކިޔެވުމުގެ ނަތީޖާއިން އެކުދިންނަށް ލޯނު ހޯދުމުގައި ލިބޭ މާބޮޑު ފައިދާއެއް ނެތީތާއެވެ. ދަރިވަރުން ލޯނަށް އެދެނީ ތަޢުލީމު ހޯދުމަށް ޚަރަދު ކުރެވޭނެ މާލީ ފެންވަރު ނެތުމުންނެވެ. އެހެން ކަމުން ކިޔެވުމަށް މާލީ އެހީ ބޮޑަށް ބޭނުންވާނީ ބެލެވޭގޮތުގައި ކިޔެވުމަށް ބާކީ ގިނަ ދުވަސް އޮތް ދަރިވަރަށެވެ.

ލޯނުގެ ފުރަތަމަ ބުރުގައިވެސް އަދި މިބުރުގައިވެސް ދަރިވަރުން އެންމެ ބޮޑަށް މީސްމީޑިއާގައި ކޮށްފައިވާ އެއް ޝަކުވާއަކީ އެދަރިވަރުން ކިޔަވަން ބޭނުންވާ ކޯހަކީ ރާއްޖޭގައި ކިޔެވޭ ކޯސްތައް ކަމަށް ބުނެ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ކިޔެވުމަށް ލޯނު ނުދީފައިވާ މައްސަލައެވެ. ރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރަށް ބަދު ބަހެއް ބުނުމުގެ ނިޔަތުގައި ނޫނެވެ. އެހެންނަމަވެސް އެންމެންވެސް ޤަބޫލު ކުރާނެ ޙަޤީޤަތަކީ ރާއްޖެއިން ކޯހެއް ކިޔެވުނަސް، އެއަށްވުރެ މާ ފެންވަރު ރަނގަޅުކޮށް އެކޯހެއް ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް އޮންނާނެކަމެވެ. މިސާލަކަށް ނަގަނީނަމަ، މެޑިކަލް ޑޮކްޓަރކަމަށް ކިޔެވުން މިއަހަރު ރާއްޖޭގައި ތަޢާރަފު ކުރިނަމަވެސް ރާއްޖެއިން ބޭރުން މިދާއިރާއިން ކިޔެވޭނެ ފެންވަރު މާރަނގަޅުވާނެކަން ޔަޤީނެވެ. އެހެން ނޫންނަމަ ރާއްޖޭގެ މުއްސަނދި ވިޔަފާރިވެރިންނާއި، ސަރުކާރުގެ އިސް ފަރާތްތަކުން އެފަރާތްތަކުގެ ކުދިން ކިޔަވަން ރާއްޖެއިން ބޭރަށް ނުފޮނުވާނެއެވެ.

އެހެންކަމުން މިނިސްޓްރީ، އަދި ސަރުކާރުންވެސް މިފަދަ ނިންމުންތައް ނިންމާފައި ވަނީ ޙަޤީޤަތުގައިވެސް ދިވެހި ދަރިވަރުންގެ ޙައްޤުގައިތޯ ސުވާލު އުފެދެއެވެ. ލޯނުގެ ފުރަތަމަ ބުރުގައި ހާމަވި ބޮޑެތި މައްސަލަތައް ހައްލުނުކޮށް ދެވަނަ ބުރު ހުޅުވާލީ ކީއްވެކަން ދެނެގަންނަން ޖެހެއެވެ. އަދި ދަރިވަރުން ކުރިއެރުވުމުގެ ނަމުގައި ސަރުކާރުން މިޖައްސާ ޕީ.އާރު ސްޓަންޓްތަކުގެ ފަހަތުގައިވާ ހަޤީޤަތަކީ ކޮބާތޯ ސަރުކާރާއި ސުވާލުކުރަންޖެހެއެވެ. މިސުވާލުތަކަށް ޖަވާބު ދެވޭނީ މިނިސްޓްރީއަށެވެ. ނަމަވެސް މިނިސްޓްރީގެ ފޯންލައިންތައް ވަނީ ދަރިވަރުން ގުޅާ ކޮންމެ ފަހަރަކު "ބިޒީ"ވެފައެވެ.