Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެއްސަކު އިންޑިޔާގައި ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ދިވެއްސަކު އިންޑިޔާގައި ހައްޔަރުކޮށްފި އެވެ.

އިންޑިޔާގެ "ޓައިމްސް އޮފް އިންޑިޔާ" ނޫހުގައި ބުނެފައިވާ ގޮތުން ޗެންނާއީ އެއާޕޯޓުން ރޭ ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

ޗެންނާއީގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތި ފެނިފައިވަނީ އެމީހުންގެ ދަބަހުގައި ހުރި ޝޭމްޕޫ ފުޅިތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށާއި ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ކަމަށެވެ.

އެ ދެ މީހުން އިންޑިޔާ އަށް އައިސްފައިވަނީ މީގެ 20 ވަރަކަށް ދުވަސްކުރިން ކަމަށާއި އެގޮތުން ޓްރިވެންޑްރަމްގައި ތިބުމަށްފަހު އެމީހުން ޗެންނާއީ އަށް ގޮސްފައިވަނީ މިދިޔަ ހަފްތާގައި ކަމަށްވެސް އެންސީބީގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.

އަދި އެމީހުން ހަޝިޝް އޮއިލް ގަނެފައިވަނީ ޗެންނާއީން ކަމަށާއި އަތުލައިގަތް ތަކެތީގެ އަގު 50 ލައްކަ ރުޕީސް އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

ޗެންނާއީ އެއާޕޯޓުން އެ ދެ މީހުން ހައްޔަރުކުރިއިރު، އެމީހުން ރޭގެ ވަގުތެއްގައި މާލެ އައުމަށް އޮތީ ހަމަޖެހިފައި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.