Last Updated: June 10, 00:02
Tuesday, June 9, 2026
ރިޕޯޓް

އައްޑޫގައި ވެސް ޕާޓީ ކުލަ ފޯރި!

ފޭދޫ އެމްޑީޕީ ސަޕޯޓަރުންތަކެއް ފާރެއްގައި ރީނދޫ ކުލަ ލަނީ: ކެމްޕޭންގެ ފޯރި ވަނީ ގަދަވާން ފަށާފައި. ފޮޓޯ/ ކިއުންތެރިއެެއް

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކައުންޓް ޑައުން މިހާރު ވަނީ ފެށިފަ އެވެ. ސެޕްޓެމްބަރު 7 ގައި އިންތިހާބް އޮންނަ އިރު ޕާޓީތަކުގެ ކެމްޕޭން ފޯރި ވެސް ވަނީ މެކުހަށް ޖަހައިފަ އެވެ.

އެގޮތުން ޕާޓީތަކުގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ. މާލެ ނަގާފައި ދެން އެންމެ ބޮޑު އާބާދީއެއް އޮތް އައްޑު އަށް ބަލާ އިރު ކެމްޕޭން ފޯރި މިހާރު އަންނަނީ ވަރަށް ގަދަވަމުންނެވެ. މީގެ ތެރެއިން ވާދަވެރިކަން ވެސް މިހާރު ވަނީ ފެންނަން ފަށައިފަ އެވެ.

އެގޮތުން ކެމްޕޭން ކުރުމުގައި އެންމެ ހަރަކާތްތެރި އަދި އެންމެ ގިނަ ހަރަކާތްތައް މިހާރު ވެސް އައްޑޫގައި ހިންގާ އެމްޑީޕީ އަށް ވަނީ "ރީނދޫ ކުލަ ލުމުގެ މޫސުމެއް" އައިސްފަ އެވެ.
އެގޮތުން ރަށްރަށުގެ މަގު ފާރުތަކުގައި ކުލަ ލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ އެވެ. އެ ފޯރީގެ ތެރޭގައި އެމްޑީޕީ އަށް ތާއީދު ކުރާ މީހުން އުޅޭ ގެތަކާއި އެމްޑީޕީގެ ހަރަކާތްތައް އެންމެ ބޮޑަށް ޖައްސާ ސަރަހައްދުތައް މިހާރު ވަނީ ރީނދޫ ވާން ފަށައިފަ އެވެ.

މިކަމުގައި ފިރިހެނެއް، އަންހެނެއް ތަފާތެއް ނެތެވެ. ދެ ޖިންސްގެ މީހުން އެކުގައި ނިކުމެ ރަށްރަށް އަންނަނީ ރީނދޫ ކުރަމުންނެވެ. ހަމަ މިއާ އެކު ޕާޓީގެ ޖަގަހަތައް އިތުރުކޮށް ކުރިއަށް ވުރެ ވެސް ބޮޑަަށް ޕާޓީގެ އަޑުތައް ގަދަ ކުރަން ވަނީ ފަށައިފަ އެވެ.

އެމްޑީޕީން މަސައްކަތް ކުރާ ވަރާ ގާތަށް ވެސް އައްޑޫގައި އެހެން ޕާޓީއަކުން އަދި މަސައްކަތެއް ކުރެވޭ ތަނެއް ނުފެނެ އެވެ. އެމްޑީޕީ އާ ކިރިޔާ ވެސް ގާތް ކުރެވޭ ވަރަށް ހަރަކާތްތައް ދެން ކުރިއަށް ގެންދަނީ ދެވަނަ އަށް އެންމެ މެމްބަރުން އެންމެ ގިނަ ޕީޕީއެމް އެވެ.
އެ ޕާޓީގެ ވެސް ޖަގަހަތައް އިތުރުކޮށް، ދިދަ ދަނޑި ޖަހައި، ދިދަފަތި ދަމައި ޖަގަހަތައް ހުޅުވައި ކެމްޕޭން ޖަގަހަތައް އަންނަނީ އިތުރު ކުރަމުންނެވެ.

ހަމަ މިއާ އެކު ޕާޓީގެ ހަރަކާތްތައް އިތުރު ބިންތައް ހޯދުމަށް ވެސް ޕީޕީއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ފޭދޫގައި ހުންނަ ޕީޕީއެމް ޖަގަހަ ކުރިމަތިން ހިއްކާފައި އޮތް ބިން، އެ ޕާޓީގެ ކެމްޕޭން ހަރަކާތްތައް ހިންގުމަށް އެެދިގެން ކައުންސިލުން ވަނީ އެ ބިން ދޫކުރަން ނިންމައިފަ އެވެ. އެހެންވެ އެތަން މިހާރު ވެސް އޮތީ އަސުރުމާ ކުލަވެފަ އެވެ.

އައްޑޫގެ ކެމްޕޭން ފޯރިއަށް ބަލާ އިރު އެމްޑީޕީ އާއި ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކުގެ އަޑެއް ބަޑެއް އެއްގޮތަކަށް ވެސް ނީވެއޭ ބުނާހާ މަޑެވެ.
މިސާލަކަށް ބަލާ ނަމަ ޖުމްހޫރީ ޕާޓީގެ އެއްވެސް ހަރަކާތެއް ގުޅިފައިވާ ރަށްރަށުގައި ކުރިއަަށް ނުދާ އިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އިންތިހާބަށް ކެމްޕޭން ކުރައްވާ އިރު، މިހާތަނަށް އައްޑު އަށް ވަޑައިގެންނެވީ އެންމެ ފަހަރަކު އެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އޭރުގެ ވަކިވަކިން ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި ބޮޑެތި ވައުދުތަކެއް ވެވަޑައިގަތުމަށް ފަހު، ގާސިމްގެ ހިލަމެއް އަދި ނުވެ އެވެ. އެހެން ނަމަވެސް ހުޅުމީދޫގައި ޖޭޕީގެ ޖަގަހަތައް ހަދައިގެން ކެމްޕޭން ހަރަކާތްތައް މަޑުމަޑުން އެބަ ހިންގަ އެވެ.

ދެން އޮތީ ގައުމީ އިއްތިހާދާއި، ގައުމީ ޕާޓީ އާއި އަދާލަތާއި ޑީއާރްޕީ ހިމެނޭ ކޯލިޝަނުގެ ވާހަކަ އެވެ. އެ ޕާޓީތައް ގުޅިގެން ހަދާފައިވާ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން މިދިޔަ ހަފުތާގައި އައްޑު އަށް އައިސް ކެމްޕޭންތަކެއްކޮށްފި އެވެ. އެކަމަކު މާ ބޮޑު ފޯރިއެއް ނެތެވެ. ރައީސް ޑރ. ވަހީދު ފޭދޫގައި އިއްތިހާދުގެ ޖަގަހައެއް ވެސް ހުޅުއްވައި ދެއްވި އެވެ.

އެހެން ނަމަވެސް ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މާ ބޮޑު ދައުރެއް އައްޑުއަކު އަދި ނެތެވެ. އެ މަންޒަރެއް ގައިމު ވެސް އަދި ފެންނާކަށް ނެތެވެ.

އެހެން ނަމަވެސް މަރަދޫ ލިންކް ރޯޑްގައި ހިންގަމުން ދިޔަ "ހަރުގެ ކެފޭ" ވަގުތީ ގޮތުން ބަންދުކޮށްލައި އެތަނުގައި ވަނީ ޑީއާރްޕީގެ ނޫ ކުލަ ލައި، ފިނިހަކަ ދުވެލީގެ ކެމްޕޭންތަކެއް ޖައްސަން ފަށައިފި އެވެ.

އިންތިހާބް ކައިރިވަމުން އަންނަ ވަރަކަށް ކެމްޕޭން ފޯރި އަދި ގަދަވާނެ ކަމަށް ގަބޫލް ކުރެވެ އެވެ. އެކަމަކު ބުނަަން ޖެހެނީ އެމްޑީޕީ ފިޔަަވައި އައްޑޫގައި ވެސް ކެމްޕޭން ކުރެވޭ ޕާޓީއެއް ނެތް ކަމެވެ. އެ ޕާޓީގެ ދެ މީހަކު އެއްވެލިއަސް ކެމްޕޭނެވެ. ވެހިކަލެއް ދުއްވާލިޔަސް ކެމްޕޭންގެ އަޑުފަށްގަނޑެވެ. އެމްޑީޕީ ސަޕޯޓަރުން ސައެއް، ކެއުމެއް، ދަތުރެއް ބާއްލިޔަސް ފެންނަނީ ހަމަ ކެމްޕޭނެވެ.
އެހެން ގޮތަކަށް ބުނާ ނަމަ 24 ގަޑި އިރު އެމްޑީޕީން ހިފަހައްޓާލަނީ ކެމްޕޭން ކުރުމުގަ އެވެ. އޭގައި ރޭގަނޑެއް ދުވާލެއް ތަފާތެއް ނެތެވެ.
އެމްޑީޕީ ނޭވާ ވެސް ލަނީ ކެމްޕޭން އެހީގައޭ ބުނުމަކީ ޖޯކަކަށް ނުވާނެ އެވެ. އެހާ ވެސް ޕާޓީގެ މެމްބަރުން ހަރަކާތްތެެރި އެވެ. ރަށު ތެރޭގައި ދުއްވާލާ އިރު ގިނަ ތަންތަން ފެންނަނީ ރީނދޫވެފައި އޮންނަ ތަނެވެ.

ކެމްޕޭން ފޯރި ގަދަވަމުން އަންނަ އިރު ހުރިހާ ޕާޓީތަކަކުން ވެސް މިކަމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ؛ ކެމްޕޭން ކުރުމުގެ ހައްގު ހުރިހާ ޕާޓީތަކަަކަށް ވެސް ލިބިގެންވެ އެވެ.
އެހެންވެ ވާދަ ކުރުމުގެ ތެރެއިން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ހުރަސް އެޅޭ ގޮތަށް މަސައްކަތްކޮށްގެން ނުވާނެ އެވެ. ހަމަނުޖެހުން އުފައްދައި ޒުވާބުކޮށް، ތަޅާފޮޅާ ހިސާބަށް ކެމްޕޭން ހަރަކާތްތައް ގެންގޮސްގެން ނުވާނެ އެވެ.

އެއް ބަޔަކު ކުލަ ލާއިރަށް އެ ކުލަ މަތީގައި އެހެން ބަޔަކު ކުލަ ލައި، އަރައިރުންވެގެން ނުވާނެ އެވެ. ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު އެންމެންނަށް ވެސް ކެމްޕޭން ކުރެެވެން ޖެހޭނެ އެވެ. އެއީ ކޮންމެހެން މެމްބަރުން ގިނަވުމަކުން ނުވަތަ ހަރަކާތްތައް އިތުރުވުމަކުން "ސައިޒް ކުޑަ" އެހެން ޕާޓީތައް މަހުރޫމް ވާން ޖެހޭ ކަމެއް ނޫނެވެ.

އިންސާފުވެރި މިނިވަން އިންތިހާބެއް ޕާޓީތަކުން ބޭނުންވާ ނަމަ މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ ޕާޓީތަކުން ވަރަށް ބޮޑަަށް ވިސްނަން ޖެހޭނެ ކަމެކެވެ.
އެހެންވެ އައްޑޫގައި ސުލްހަވެރި ވާދަވެރި ކެމްޕޭން ފޯރިއެއް ފެނިގެން ދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.