Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ފޭދޫ ސްކޫލްގެ ވެރިންތަކެއްގެ މައްޗަށް ދައުވާ ކުރަނީ!

ފޭދޫ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަބްދުއް ލަޠިފް އަލީ

ސ. ފޭދޫ ސްކޫލްގެ ކުރީގެ އިސް ވެރިންތަކެއްގެ މައްޗަށް ކަރަޕްޝަންގެ ދައުވާ ކުރުމަށް އެންޓި ކަރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ގައި އެދެފި އެވެ.

އޭސީސީން ކުރި ތަހްގީގާ ގުޅިގެން ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ފޭދޫ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަބްދުއްލަތީފް އަލީ އާއި އެ ސްކޫލްގެ ކުރީގެ ލީޑިންގް ޓީޗަރު އަބްދުﷲ ޒުހައިރުގެ މައްޗަށެވެ.

އޭސީސީން ބުނީ އަބްދުއް ލަޠީފް އާއި އަބްދުﷲ ޒުހައިރު މައްޗަށް މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރި ކަމުގެ ކުށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ސާބިތުވާތީ ކަމަށެވެ.

އޭސީސީއިން ބުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބަޖެޓް ޕުލޭނިންގް، ފައިނޭންޝަލް ކޮންޓްރޯލް އެންޑް އިންޓާނަލް އޮޑިޓް ސެކްޝަނުން ފޭދޫ ސްކޫލުގެ މުދަލާއި ފައިސާގެ ހިސާބުތައް 2009 ވަނަ އަހަރުގެ ޖެނުއަރީން 2010 ގެ ސެޕްޓެމްބަރުގެ ނިޔަލަށް ބެލިއިރު ފޭދޫ ސްކޫލުން އިއުލާންކުރުމެއް ނެތި ކޮންސްޓްރަކްޝަން ކުންފުންޏަކާ ހަވާލުކޮށްގެން 42،501 ރުފިޔާގެ މަސައްކަތެއް ނިންމާފައިވާ މައްސަލަ ފެންމަތިވި ކަމަށެވެ.

އެ މައްސަލަ އޭސީސީއިން ތަހުގީގުކޮށް ބެލިއިރު، އެ މަސައްކަތް އިއުލާންކުރުމެއް ނެތި އަދި ތިން ފަރާތެއްގެ އަގު ހޯދުމެއް ނެތި ފަސް ބަޔަށް ބަހާލައިގެން ކޮށްފައިވާ ކަމަށާއި މަސައްކަތް ހަވާލުކޮށްފައި ވަނީ ފޭދޫ "އަރިއަސް ކޮންސްޓްރަކްޝަން" ކިޔާ ކުންފުންޏަކާ އެވެ.

ޑިސެމްބަރު 6، 2009ގައި އަރިއަސް ކޮންސްޓްރަކްޝަނުން ހަދާފައިވާ ފަސް ބިލެއްގައިވާ ޖުމްލަ 42،501 ރުފިޔާ ޑިސެމްބަރު 9، 2009ގައި ފޭދޫ ސްކޫލުގެ ވަގުތީ އެކައުންޓުގެ ދެ ޗެކަކުން ދައްކާފައިވާ ކަން ސްކޫލުގެ ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީއިން ބުނެ އެވެ.

އޭސީސީއިން ބުނީ އަރިއަސް ކޮންސްޓްރަކްޝަނުން ހުށަހަޅާފައިވާ ފަސް ބިލަކީ ކުރި މަސައްކަތުގެ ބިލް ކަމެއް ނުވަތަ ސްކޫލުން ދީފައިވާ ދެ ޗެކަކީ އެ ބިލްތަކަށް ދެއްކި ފައިސާކަން އެއްވެސް ލިޔެކިޔުމަކުން ސާބިތުވާން ނެތް ކަމަށެވެ.

އެ ބިލްތަކަށް ފައިސާ ލިބިފައިވާ ކަމުގެ ލިޔެކިޔުންތައް އަރިއަސް ކޮންސްޓްރަކްޝަނުން ފަހުން ތައްޔާރުކޮށްފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ޓީމް ފޭދޫ ސްކޫލު އޮޑިޓްކުރަން އަންނަކަން އެނގިގެން ކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އޭސީސީން ބުނީ ފޭދޫ ސްކޫލުގެ ވަގުތީ އެކައުންޓުން ދެޗެކަކަށް ފައިސާ ދައްކާފައިވާ އިރު ޗެކު ނަމްބަރު 2278 އިން 34،751 ރުފިޔާ ނަގާފައިވާ ކަމަށާއި، މި ފައިސާއަކީ ފޭދޫ ސްކޫލުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކޮށް ޓީޗަރުން ހޯދުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލަށް ދިނުމާ ގުޅިގެން، އެސްކޫލަށް ޓީޗަރުން ހޯދުމަށް އަބްދުﷲ ޒުހައިރާއި އަބްދުއްލަތީފު އަލީ އިންޑިއާ އަށް ކުރި ދަތުރަކަށް ހަރަދު ކުރަން ނެގި ފައިސާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

މިފައިސާ އިންޑިއާއަށް ކުރި ދަތުރަށް ހަރަދުކުރުމަށްފަހު، އެފައިސާއަކީ އަރިއަސް ކޮންސްޓްރަކްޝަނުން ސްކޫލުގައި ކުރި މަސައްކަތަށް ހަރަދުކުރި ފައިސާކަން ދެއްކުމަށް އެކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.

އޭސީސީއިން ބުނީ މި މައްސަލާގައި ފޭދޫ ސްކޫލުގެ ކުރީގެ ލީޑިންގް ޓީޗަރު އަބްދުﷲ ޒުހައިރާއި އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަބްދުއްލަތީފު އަލީގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށް ނާޖައިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ ކުރުމަށާއި މިއަމަލުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރަން ޕީޖީގައި އެދިފައިވާ ކަމަށެވެ.

އަދި މި މައްސަލާގައި 2278 ޗެކުގައިވާ ފައިސާއާ ބެހޭ ގޮތުން އަބްދުﷲ ޒުހައިރާއި އެސްކޫލުގެ ސަރުދާރުގެ މަގާމުގައި ހުރި މުހައްމަދު ޝަފީއު އާއި އަރިއަސް ކޮންސްޓްރަކްޝަންގެ ވެރި ފަރާތް ހަސަން ލުތުފީ އޭސީސީގެ ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާކަން ފާހަގަ ކުރެވޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން މިމީހުންގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.