Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އަސާސީ ޕެންޝަން ދިހަ ހާސް ރުފިޔާއަށް ބޮޑު ކުރުމަށް ހުށަހަޅައިފި

އަބްދުﷲ ޖާބިރު - ފޮޓޯ: ސަން

އަސާސީ ޕެންޝަންގެ ގޮތުގައި މިހާރުދޭ 5000 ރުފިޔާ ދިހަ ހާސް ރުފިޔާއަށް ބޮޑު ކުރުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގާނޫނު ނަންބަރު 8/2009އަށް އިސްލާހު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ މިހާރު އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދޭ 5000 ރުފިޔާއަކީ އުމުރުން ދުވަސްވީ ބޭފުޅުންނަށް އެއްވެސް ކަމެއް ކުރެވޭ މިންވަރެއް ނޫންކަމަށެވެ.

ޖާބިރު ވިދާޅުވީ ދައުލަތަށް 10000 ރުފިޔާ އުމުރުން ދުވަސްވީ ބޭފުޅުންނަށް ދިނުމަކީ ދަތިކަމެއް ނޫންކަމަށެވެ. އަދި މި ކަމަކީ ދައުލަތުގެ ހަރަދު ކުޑަކޮށްގެން ސަރުކާރަށް ކުރެވިދާނެ ކަމެއް ކަމަށެވެ.

މި އިސްލާހަށް މިއަދުގެ މަޖިލީހުގައި ބަހުސް ކޮށްފައިވާއިރު ޖާބިރަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު ތާއީދެއް ނުކުރިއެވެ. އެމްޑީޕީ މެމްބަރުން މަޖިލީހުގައި ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ މި އިސްލާހު މެމްބަރު ޖާބިރު ހުށައަޅުއްވާފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކަމަށް ބެލެވޭ ކަމަށެވެ.

އަދި ބައެއް މެމްބަރުން ވަނީ މިއީ ބަޖެޓަށް ބުރަވެ ކުރަން ހުރި މަސައްކަތް ކުރުމަށް ދަތިވާ ގޮތަށް ފަރުމާ ކުރެވުނު އިސްލާހެއް ކަމަށް ވިދާޅުވެ ޖާބިރަށް ފާޑުވިދާޅުވެފައެވެ.