Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ޓުވީޓުތަކަކާ ގުޅިގެން އަނެއްކާވެސް ޓްރަމްޕް ހޫނު ފެނަށް

getty

އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕްއަކީ ޓުވިޓާއާ ވަރަށް ރަށްޓެހި ރައީސެކެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގެ ރައީސަކު ޓުވީޓު ނުކުރައްވާ ވަރަށް ޓްރަމްޕް ކޮންމެ ދުވަހަކުވެސް ޓުވީޓުކޮށް ހައްދަވައެވެ. އާންމުކޮށް އެމަނިކުފާނުގެ ޓުވީޓުތަކަކީ އިދިކޮޅު ފަރާތްތަކަށް ފޮނުވާ ބަހުގެ ހަމަލާތަކެވެ.

އެންމެ ފަހަކަށް ޓްރަމްޕް ކުރެއްވި ޓުވީޓުތަކެއް ނިސްބަތްވަނީ އިދިކޮޅު ޑިމޮކްރެޓް ޕާޓީގެ ހަތަރު އަންހެން މެމްބަރަކަށެވެ. ކޮންގްރެސްގައި އަލަށް އިންތިޚާބުވި މެމްބަރުންގެ ތެރެއިން އޮކާސިއޯ ކޯޓޭޒް، އިލްހާން އުމަރު، ރަޝީދާ ތާލިބް އަދި އަޔާނާ ޕްރެސްލީއަށް ފާޑުވިދާޅުވެ ޓްރަމްޕް ވަނީ އެމެމްބަރުން އެމެރިކާ ދެކެ ފޫހިވާނަމަ ގައުމު ދޫކޮށް ދިއުން އެއީ އެދެވޭ ކަމެއް ކަމަށެވެ.

ޓްރަމްޕް ވަނީ ޓުވީޓުތަކުގައި އެމަނިކުފާނުގެ ސިޔާސަތުތަކަށް ބޯނުލަނބާނަމަ ނުވަތަ އެ ސިޔާސަތުތައް ކަމު ނުދާނަމަ ހަތަރު މެމްބަރުންނަށް ވެސް އެހެން ގައުމެއް އިޚުތިޔާރުކުރުމުގެ މިނިވަންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ. އަދި އެ މެމްބަރުން އުފަންވި ގައުމުތަކަށް އަނބުރާ ދިއުމަށް ފާޅުގައި ގޮވާލާފައިވެއެވެ. ޓުވީޓުތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އަނެއްކާވެސް ނޫސްކޮންފަރެންސެއްގައި ޓްރަމްޕް ވަނީ ފާޑުކިޔުންތައް އިތުރުކޮށްފައެވެ.

ހަތަރު މެމްބަރުންނަކީ އެމެރިކާގެ އިތުރުން އެމެރިކާ ތާއީދު ކުރާ އިޒުރޭލަށް ނަފްރަތު ކުރާ އަދި އެމެރިކާގެ އަދުއްވުން ކަމަށްވާ ހަނގުރާމަވެރި ޖަމާއަތް، އަލްގައެދާއަށް ވާގިވެރިވާ މެމްބަރުން ކަމަށް މި ނޫސް ކޮންފަރެންސުގައި ޓްރަމްޕް ވަނީ ތުހުމަތުކޮށްފައެވެ. އަދި އަނެއްކާވެސް އެމެރިކާ ދޫކޮށް ދިއުމަށް ޓްރަމްޕް ވަނީ ގޮވާލާފައެވެ.

އޭގެ އިރުކޮޅެއް ފަހުން ހަތަރު މެމްބަރުން ވެސް ވަނީ ނޫސްކޮންފަރެންސެއް ބާއްވައި ޓްރަމްޕަށް ރައްދު ދެއްވާފައެވެ. އޮކާސިއޯ ކޯޓޭޒް ވިދާޅުވީ ރައީސް ޓްރަމްޕް ކިތަންމެ ރުޅި ދުރުވިޔަސް އެމެރިކާއަކީ ހުރިހާ އެންމެންގެ ގައުމު ކަމަށާއި މިއީ ވަކި ބަޔެއްގެ ގައުމެއް ނޫން ކަމަށެވެ. އިލްހާން ވަނީ ރައީސް އަންހެން މެމްބަރުންނާ ޖައްސާލައިގެން އުޅެނީ މެމްބަރުންގެ ކުލައަށް ބަލާފައި ކަމަށާއި މަގުސަދަކީ ނަފްރަތު އުފެއްދުން ކަމަށް ވިދާޅުވެފައެވެ. ރަޝީދާ ތާލިބް ވަނީ ކޮންމެފަދަ އެއްޗެއް ވިދާޅުވިޔަސް ކުރަމުން އަންނަ ނަސްލީ ތަފާތުވުންތައް ނައްތާލުމާއި ހަމަހަމަކަމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ ޓުވީޓު ވަރަށް ގިނަ ބަޔަކަށް މަގުބޫލު ވެގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު ފާހަގަކޮށްލެވެނީ އެ ޓުވީޓުތަކާ އެއްކޮޅަށް ވާހަކަ ދައްކާފައިވާ ގިނަ މީހުންނަކީ އެމެރިކާގައި އެހެން ނަސްލުތަކުގެ މީހުންނަށް ދިރިނޫޅެވޭ ގޮތް ހެދުމަށް ވަކާލާތު ކުރަމުން އަންނަ ކަނާތު ފިޔައިގެ މީހުން އަދި "ވައިޓް ސުޕްރިމަސިސްޓުން" ނެވެ.

ފަހުގެ ތާރީޚެއްގައި ވެސް އެމެރިކާގެ ރައީސަކު މިފަދަ މޭރުމަކުން އެގައުމުގެ ރައްޔިތަކާ، އަދި އިންތިޚާބުވެފައިވާ މެމްބަރުންނާ މުޚާތަބު ކޮށްފައެއް ނުވެއެވެ. ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ވެސް ވަނީ މިޓުވީޓުތަކަކީ އެދެވޭ ޓުވީޓުތަކެއް ނޫން ކަމަށް ބުނެ ފާޑުކިޔާފައެވެ.