Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

އިންޑޮނީޝިޔާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިޔާގެ ބާލީއަށް 6.1 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ. އެގައުމުގެ ގަޑިން ހެނދުނު 8:00 ޖެހިއިރު އައި މިބިންހެލުމުގެ ސަބަބުން ފަތުރުވެރިންނާއި ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިން އަބަދުވެސް ޒިޔާރަތްކުރާ ހިތްގައިމު މަންޒިލަކަށް ބާލީ ވެފައިވާއިރު މިދުވަސްކޮޅަކީވެސް ފަތުރުވެރިން އެ ރަށުގައި ގިނަ ދުވަސްވަރެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބިންހެލުން އައުމާއެކު ހޮޓެލްތަކުން ފަތުރުވެރިން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

އަދި އެހިސާބުގައި ދިރިއުޅޭ ރައްޔިތުން ވެސް ކަމާ ބެހެ ފަރާތްތަކުން ވަނީ ނުރައްކަލުން ސަލާމަތް ކުރުމަށް ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ނަމަވެސް މިބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމުގެ ބިރެއް އަދި ނެތް ކަމަށް ހަވާއީއަށް ނިސްބަތްވާ މޫސުމާ ބެހޭ އިދާރާއަކުން ވަނީ ހާމަކޮށްފައެވެ. ބިންހެލުމުގެ ސަބަބުން ބައެއް ގެތަކާއި އިމާރާތްތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޓުވިޓާގައި އާންމުވި ފޮޓޯތަކާއި ވީޑިއޯތަކުން ފެނިފައިވެއެވެ.