Last Updated: April 20, 09:47
Saturday, April 20, 2024
ސިޔާސީ

ޕެންޝަން އިސްލާހަށް އެމްޑީޕީ މެމްބަރުންގެ ފާޑުކިޔުން

މަޖިލިސް ބަހުސްގައި ޖާބިރު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ / މަޖިލިސް

ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، 65 އަހަރުވެފައި ތިބި ރައްޔިތުންނަށް ދައުލަތުން ދޭ 5،000ރ. ގެ އިނާޔަތް ދެގުނަ ކުރުމަށް މިއަދު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި އިސްލާހަށް މަޖިލީހުގެ އެމްޑީޕީ މެމްބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް މިއަދު ހުށައެޅުއްވި އިސްލާހުގެ އިބްތިދާއީ ބަހުސް މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ކުރިއަށް ގެންގޮސްފައިވާއިރު އެމްޑީޕީ މެމްބަރުން ވަނީ މިއީ ސަރުކާރަށް ބުރަ ކުރުމަށް ޖާބިރު ހުށައެޅުއްވި އިސްލާހެއް ކަމަށް ތުހުމަތުކޮށްފައެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ މި އިސްލާހުގެ އަމާޒަކީ ދައުލަތުގެ ބަޖެޓުގައި ކުރަން ހުރި މަޝްރޫއުތައް މަޑު ޖައްސައި ދައުލަތަށް ބުރައެއް ދިނުން ކަމަށް ސިފަކޮށްފައެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ މި އިސްލާހު ހުށައެޅީ ކޮން ކަހަލަ ދިރާސާއެއްގެ މައްޗަށް ބިނާކޮށްތޯ ސުވާލު އުފައްދާފައެވެ. އަދި މިފަދަ އިސްލާހެއް ގެނައުމުން ސަރުކާރުން އެ ފައިސާ ހޯދާނީ ކޮން ގޮތަކުންތޯ އިލްޔާސް ވަނީ ސުވާލު އުފައްދާފައެވެ. ޕެންޝަނަށް ދައުލަތަށް ލިބެނީ 90 މިލިއަން ރުފިޔާ ކަމަށާއި މިހާރު އޮތް ގޮތުން ވެސް މަހަކު 105 މިލިއަން ރުފިޔާ އިނާޔަތުގެ ގޮތުގައި ބޭރުވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ވަނީ މިހާރުވެސް އިސްލާހު ހުށައެޅުއްވި މެމްބަރު، ޖާބިރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ޕެންޝަން ފައިސާ ނުދޭ ކަމަށާއި ފުރަތަމަ މެމްބަރު އަމިއްލައަށް ގާނޫނަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.

އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް(ސައްލެ) ވަނީ މިހާ ބޮޑު އަދަދެއް ކުއްލިއަކަށް އިސްލާހެއްގެ ގޮތުގައި ޖަހާފައިވާއިރު އެފައިސާ ހޯދާނެ ގޮތެއް މެމްބަރުން ވިދާޅުވެފައި ނެތުމުން އިސްލާހަށް ތާއީދު ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.