Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މަސްތުވާތަކެއްޗާއެެކު ހުޅުމީދޫން އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީ ހުޅުމީދޫން އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފޭދޫން ފުރައިގެންދާ ފެރީއަކުން ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 15 ވަނަ ދުވަހުގެ 15:23 އެހާކަށްހާއިރު ހުޅުމީދޫ ބަނދަރުމަތިން ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ އަތުގައިއޮތް އަތް ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.