Last Updated: April 27, 06:22
Saturday, April 27, 2024
ސިޔާސީ

ރައީސްގެ ބޯޓުތައް ވިއްކާލައިގެން ލާރި ހޯދިދާނެ: ޖާބިރު

ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިއްޔެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި އިސްލާހަކީ މިސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ. 65 އަހަރުން މަތީގެ ބޭފުޅުންނަށް ދޭ އިނާޔަތް 5،000ރ. އިން 10،000ރ. އަށް ބަދަލު ކުރުމަށް ހުށައެޅި އިސްލާހަށް ވަނީ އެމްޑީޕީ މެމްބަރުން ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ޖަވާބުގައި ޖާބިރު ވިދާޅުވީ އެމްޑީޕީ ސަރުކާރަކީ ވަރަށް މަކަރުވެރި ސަރުކާރެއް ކަމަށާއި މިސަރުކާރުން ކަންތައް ކުރަމުން އަންނަނީ ހީލަތްތެރި ގޮތަކަށް ކަމަށެވެ. މި ދައްކަނީ ނުކުރެވޭ ވަރުގެ ކަމެއްގެ ވާހަކަ ނޫން ކަމަށާއި ލާރި ޚަރަދު ކުރާ ގޮތަށް ބަދަލު ގެނައުމުން މިކަން ކުރެވޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި މިދައްކަނީ މާ ގިނަ ލާރިއެއްގެ ވާހަކަ ނޫން ކަމަށާއި ރައީސުލް ޖުމުހޫރިއްޔާ ބޭނުން ނުކޮށް ބަހައްޓާފައި ހުރި ބޯޓުތައް ވިއްކާލައިގެން ވެސް މިކަން ހާސިލުވެދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މީ މާބޮޑު ލާރި އެއް ނޫން. ރާއްޖޭގެ ހަރަދުތައް ވަރަށް ބޮޑެތި. ހަމައެކަނި ރައީސް ދުއްވަން ހުރި ބޯޓުތައް ވިއްކާލިޔަސް ކީއްތޯ ވާނީ. ކިތައް ބޯޓު އެބައޮތް؟ މަލޭ ބަނދަރަށް އެއޮތީ އަޅާ ފުރާލާފައި. ރައްޔިތުން އެެ އުޅެނީ ކައިރި ނުކުރެވިގެން. އެންމެ ބޯޓަކުން ވާނެތާ. ކީއްކުރަންތޯ އަޅުގަނޑުމެންގެ ކޯސްޓް އޮފް އޮޕަރޭޝަންސް އެހާ މަތިވެގެން މި އުޅެނީ. 13 ވަޒީރުން އެބަތިބޭ. ކޮން ކަމެއްތޯކުރަނީ. އެއްވެސް ޕްރޮޖެކްޓެއް ހިނގާ ތަނެއް ނުފެނޭ. ޗައިނާ އާ ގުޅުން ކަނޑާލައިފި" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ އެމްޑީޕީ މެމްބަރުން މަޖިލީހުގައި މައުޟޫއަށް ވާހަކަ ދެއްކުމުގެ ބަދަލުގައި އޭނާއާ ޖައްސާލީ މައުޟޫ ބަދަލު ކޮށްލަން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމްޑީޕީ މެމްބަރުން ވިދާޅުވީ ޖާބިރު ހުށަހެޅުއްވި ބިލުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށާއި، ބޭނުމަކީ ނޫސްތަކުގެ ސުރުހީ އަށް އެރުން ކަމަށެވެ.

އެމްޑީޕީ މެމްބަރުން ވަނީ އިއްޔެ ޖާބިރު ހުށައެޅުއްވި އިސްލާހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެއްވެސް ދިރާސާއެއް ނެތި ޖާބިރު ހުށައެޅި އިސްލާހަކީ ސަރުކާރަށް ދަތި ކުރުން ކަމަށް މެމްބަރުން ވަނީ ތުހުމަތުކޮށްފައެވެ.