Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މިސަރުކާރުން އައްޑޫ ރައްޔިތުން ނިކަމެއްޗެއް ނުކުރާނެ: ނިހާދު

. ފޮޓޯ: ޝަރަފު/ އައްޑޫލައިވް

އައްޑޫ ގަމުގައި ހުރި އޭޝިއަން އެކެޑެމީ އެރޮނޮޓިކްސް(އޭއޭއޭ) ބަންދު ނުކުރާނެ ކަމަށާއި ސަރުކާރުން ކޮންމެ ގޮތެއް ހަދައިގެން ވެސް ފްލައިން ސްކޫލް އައްޑޫގައި ބަހައްޓާނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ފްލައިން ސްކޫލް އައްޑުއިން ބޭރުވުމަކީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ނިހާދު ވިދާޅުވެފައިވާއިރު އިތުރަށް ވިދާޅުވީ ސަރުކާރުން މިމައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށެވެ. "އިރާދަކުރެއްވިއްޔާ އައްޑޫގައި ފްލައިން ސްކޫލް ހުންނާނެ! ގެއްލިގެން ނުދާނެ! ސަރުކާރުން ހައްލު ހޯއްދަވާނެ! އައްޑޫ ރައްޔިތުން ނިކަމެތި ކޮށް ނުލާނެ!" ނިހާދު ވިދާޅުވެފައިވެއެވެ.

އޭއޭއޭ އިން ބުނެފައިވަނީ މިމަހު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހެދިފައި އޮތް އެއްބަސްވުން ހަމަވާނެ ކަމަށެވެ. ނަމަވެސް އެއްބަސްވުން އާކުރަން އެއާޕޯޓު ކުންފުންޏާއެކު ކުރި މަސައްކަތް ނާކާމިޔާބުވެ މާފަރު އެއާޕޯޓަށް ފްލައިން ސްކޫލް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އައްޑޫ އެއާޕޯޓު ކުންފުނިން އެއްބަސްވުން އާކުރަން ހުށައަޅާފައިވަނީ ވަރަށް ބޮޑު އަގެއް ކަމަށާއި އަކަފޫޓަކަށް 12 ރުފިޔާ މަހެއްގެ މައްޗަށް ދައްކަން ޑިމާންޑު ކުރި ކަމަށް އޭއޭއޭ އިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެފައިވަނީ މިހާރު ފްލައިން ސްކޫލް ހިންގަމުންދާ ގޮތުން އެއާޕޯޓަށް ވަނީ ގެއްލުން ކަމަށެވެ.