Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

މަސްތުވާތަކެތީގެ ދޮރުތައް ބަންދުކުރުމަށް ކަސްޓަމްސްގެ ޒިންމާ ބޮޑު: މާރިޔާ

މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ކަސްޓަމްސްގެ ޒިންމާ ބޮޑު ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ޢަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 129 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި މާރިޔާ ވަނީ، ރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާކަމުގައިވާ ކަސްޓަމްސްއިން ކުރައްވާ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ކޮންމެ ދުވަހަކު، ޤައުމަށް އެތެރެކުރާ މުދަލާއި ތަކެއްޗާއި، ޤައުމުން ބޭރުކުރާ މުދަލާއި ތަކެތީގެ ހިސާބުކިތާބު ބަލަހައްޓައި، ދަޢުލަތަށް ނަގަންޖެހޭ ޑިއުޓީ ނެގުމަކީ، ބުރަ މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި ޚާއްޞަކޮށް، މަސްތުވާތަކެތީގެ ވަބާއަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވާއިރު، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ކަސްޓަމްސްގެ ވަރަށް ބޮޑު ޒިންމާއެއް އޮންނަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި އެ ޒިންމާ އަދާކުރުމުގައި، ކަސްޓަމްސްގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއެކުގައިވެސް، ކަސްޓަމްސްގެ ރީތި ނަން ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ ޒީރޯ ޓޮލެރަންސް ސިޔާސަތު، ފަރުދީގޮތުން ތަންފީޒުކުރެއްވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.