Last Updated: May 3, 16:55
Friday, May 3, 2024
ކުޅިވަރު

ބޫޓާން އަތުން ރާއްޖެ ބަލިވެއްޖެ

އައްޑޫގައި މިއަދު ފެށި ޔޫއެފާ 15 އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން 2-1 އިން ރާއްޖެ ބަލިވެއްޖެއެވެ.

އައްޑޫ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި މެޗު ބައްލަވާލެއްވުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އަދި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެފައިވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ހަވަނަ މިނެޓްގައި ބޫޓާން އިން ވަނީ ލީޑު ނަގާފައެވެ. މި ގޯލު ބޫޓާން އަށް ކާމިޔާބުކޮށްދިނީ ޖުގްމޭ ނަމްގޭލްއެވެ. އަދި މެޗުގެ 25 ވަނަ މިނެޓްގައި ބޫޓާން ޓީމުގެ ކެޕްޓަން ބިކާޝް ޕްރަދަން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

މި ދެ ގޯލަށްފަހު ފުރަތަމަ ހާފްގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ބޫޓާން ޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބޫޓާން އިން ނިންމާލިއިރު މެޗުގެ 69 ވަނަ މިނެޓްގައި މުހައްމަދު ހަނާން އާދަމް ވަނީ ރާއްޖެ ޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރަން ރާއްޖެ ޓީމުން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް މެޗު ނިމުމުގެ ކުރިން އިތުުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ދިވެހި ޓީމު ނިކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.

މުބާރާތުގައި މާދަމާ ހަވީރު ވެސް މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ސައުދީ އާއި ލެޓްވިޔާއެވެ.