Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޕާކިން ސިސްޓަމް ނަގަނީ ރައްކާތެރިނޫން ކަމަށް ފެންނާތީ: އަސްލަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލޭގައި ދުއްވާ އުޅަނދުތައް ގިނަވެ ޕާކު ކުރުމަށް ދަތިވުމުގެ ސަބަބުން ގާއިމްކުރެވުނު ޕާކިން ސިސްޓަމް މިސަރުކާރުން ނެގުމަށް ނިންމީ، އެއީ މުޅިން ރައްކާތެރި ސިސްޓަމްތަކެއް ނޫން ކަމަށް ފެންނާތީ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު އެ ސިސްޓަމްތައް ނަގަނީ ކީއްވެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އެ ސިސްޓަމްތައް އެއްވެސް އިރަކު މަސައްކަތް ކުރި ތަނެއް ނުފެނޭ ކަމަށެވެ.

އަދި މިސަރުކާރުން ބެލި ބެލުމުން އެފަދަ މެކޭނިކަލް ސިސްޓަމްތަކަކީ ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭ އެއްޗެއް ކަމަށާއި، ނޫންނަމަ ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ކަމަށް ބެލެވޭތީ އެ ސިސްޓަމްތައް ނަގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އަދި އެ ސިސްޓަމްތައް ނެގުމަށް ފަހު ރައްކާތެރިތަނެއްގައި ބެހެއްޓޭނެ ކަމަށާއި ފަހުން އޭގެ ބޭނުން ޖެހުމުން، ބޭނުން ހިފޭނެ ގޮތަށް ރައްކާތެރިކޮށް ބަހައްޓާނެ ކަމަށް ވިދާޅުވެފައިވެއެވެ. ކޮންމެ ބަޔަކު ކުރި ނަމަވެސް އެއީ ސަރުކާރުން ޚަރަދު ކޮށްގެން ގާއިމްކޮށްފައިވާ ނިޒާމުތަކެއް ކަމަށާއި އެއީ ދައުލަތުގެ މުދާ ކަމަށްވާތީ އެ އެއްލާނުލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕާކިން ސިސްޓަމް ނެގުމަށް ފަހު އެތަނުގައި ޕާކުކުރާނެ ތަން ހަދާނެ ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވެފައިވެއެވެ.