Last Updated: April 25, 08:57
Thursday, April 25, 2024
ޚަބަރު

ހެކި ހުށައަޅަން ފުރުސަތު ދެއްވައި މައްސަލަ ކުރިއަށް ގެންދަން ނިންމަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ފަރާތުން ހުށައެޅުއްވި ފަސް ހުށައެޅުންވެސް ބަލައިނުގަނެ، ހެކި ހުށައެޅުމަށް ފަސް ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަވަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަހުމަދު ހައިލަމް ވަނީ ޔާމީންގެ ފަރާތުން ހުށައެޅުއްވި ފަސް ހުށައެޅުން ވެސް ހުށައެޅުމަށް ފުރުސަތު ދެއްވާފައެވެ. އެ ހުށައެޅުންތަކަށް ދައުލަތުން ދެއްވި ޖަވާބާއި ދިފާއުން ދެއްވި ރައްދުތައް އެއްސެވުމަށް ފަހު ގާޒީ ހައިލަމް ވަނީ ދިފާއުން ހުށައެޅި ފަސް ހުށައެޅުން ވެސް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައެވެ.

ނަމަވެސް ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިން ހުށައަޅާފައިވަނީ ދައުވާ އުފުލުމުގެ ފަހުން ކަމަށްވާތީ، އެ ހެކިންގެ ހެކިބަސް ނުނެގޭނެ ކަމަށް ގާޒީ ވަނީ ކަނޑައަޅާފައެވެ. ސަބަބަކަށް ވިދާޅުވީ މިމައްސަލަ އަކީ ވަކި މުހުލަތެއް، އަދި ވަކި ހަމަތަކެއް ނެތި ކުރިއަށްދާ މައްސަލައަކަށް ވެފައި، ދައުލަތުން ދައުވާ ހުށައަޅާފައިވަނީ ތަހުގީގު ފުރިހަމަ ވުމަށް ފަހު ކަމަށް ދައުލަތުން އެއްބަސްވެފައިވާތީ، ދައުވާ ހުށައެޅުމުގެ ކުރިން ހެކިން ހުށައަޅަން ފުރުސަތު ލިބިފައިވާ ހިނދު ހުށަނާލާ އޮތުމުން އެ ހެކިން ގަބޫލުނުކުރެވޭނެ ކަމަށްވާތީ ކަމަށް މައްސަލައިގެ ގޮތް އިއްވަމުން ގާޒީ ހައިލަމް ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޝަރީއަތަކީ ރާއްޖޭގެ ތާރީޚުގައި ޝަރީއަތުގެ މަޖިލީހެއް ލައިވް ކުރި ފުރަތަމަ ފަހަރެވެ.